ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކޮށްފި

ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2023 05:08
0

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލި ދެ ދަޢުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް މިއަދު އިސްތިއުނާފް ކޮށްފިއެވެ.

ޖާމީންގެ ޤާނުނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ.ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިއަދު އިސްތިއުނާފް ކޮށްފައިވާކަމަށެވެ. ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއްކަން ހާމަކުރައްވައި ޖަމީލް ވިދާޅުވީ ފަނޑިޔާރުންނަށް ކުރާ ހުކުމަކާއި ގުޅިގެން ޕްރޮމޯޝަން ދިނުމާއި، މާލީ މަންފާ ދިނުންފަދަ ކަންކަން ވެގެން ދިއުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފްކޮށްފިން. ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން. ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް. IA ކާމިޔާބުވާނެ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

އިސްތިއުނާފް ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭއިރު، އެމުއްދަތުގައި ވަނީ ހުކުމް އިސްތިއުނާފް ކޮށްފައެވެ. ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލެއެވެ. އެހެންވެ ޔާމީން ވީހާވެސް އަވަހަށް މިނިވަންވުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވެސް އެދެއެވެ.

ޔާމީންގެ ވަކީލުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިސްތިއުނާފްކުރެވޭނެ މުއްދަތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ވަކީލުން މަަސައްކަތް ކުރައްވަނީ އަމާޒެއް އޮވެގެން ކަމަށެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ، ވަކީލު އާދަމް ޝަމީމް ވެސް ވިދާޅުވީ އިސްތިއުނާފަށް މައްސަލަ ހުށަހެޅުން ލަސްވާތީ ޔާމީން އެއްވެސް ވަރަކަށް ޝަކުވާ ނުކުރައްވާ ކަމަށެވެ. ޔާމީން ބޭނުންފުޅުވަނީ، ވީހާވެސް ފުރިހަމަކޮށް ހައި ކޯޓުގައި އިސްތިއުނާފްކުރާ މައްސަލަ ހުށަހެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނީ އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރި ކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.