ޔާމީންގެ ޝަރީއަތް އަވަސް އަވަހަށް ބާއްވާތީ ވަކީލުން ކަންބޮޑުވެއްޖެ

ޔާމީންގެ ޝަރީއަތް އަވަސް އަވަހަށް ބާއްވާތީ ވަކީލުން ކަންބޮޑުވެއްޖެ

Author
ޢަލީ އާދަމް
21 ފެބްރުއަރީ 2023 03:39
0

އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިންމާލިއިރު ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުންތައް ޖެހިޖެހިގެން ކުރިއަށް ގެންދަން ނިންމާފައިވާތީ ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. އަދި ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ބެހޭގޮތުން ގޮތް ނިންމައި އިބްތިދާއީ މަރުހަލާ ނިންމާލައްވައިފައެވެ. ނަދީމް ވިދާޅުވީ، ޝަރީއަތުގެ މަރުހަލާ ފަށަން ގަސްތު ކުރަނީ މާޗު މަހުގެ 9 ވަނަ ދުވަހު ކަމަށާއި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ބޭނުންފުޅު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަށް ކޮންޓިނުއަސްކޮށް ކަމަށެވެ.

އެގޮތުން، އިފްތިތާހީ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުންތަކަށްފަހު، ހުކުރު ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަސްތަކެއްގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ގަސްތުކުރައްވާކަން ހާމަކުރެއްވިއެވެ. މާޗު ނުވަ ވަނަ ދުވަހު އިފްތިތާހީ ބަޔާން އިއްވުމަށް ވަކިވަކިން އަޑުއެހުން ބާއްވައި، އެ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30އާ ހަމައަށް ޖެހިޖެހިގެން ހެކިބަސް ނެގުމުގެ އަޑުއެހުން ބާއްވާނެކަން އިއުލާން ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އާރަށުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަމުންދާއިރު ކޮންމެ ދުވަހަކު އަޑުއެހުންތައް ބޭއްވުމަކީ ވަކީލުންނަށް ލިބޭ ބޮޑު ތަކުލީފެއް ކަމަށެވެ. ޖަމީލް ވިދާޅުވީ ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބޭ ގޮތަށް މައްސަލަ ތާވަލުކުރަން އެދޭ ކަމަށާއި އަވަސްކޮށްގެން އަޑުއެހުން ކުރިއަށް ގެންދާއިރު ހައްގުތަކެއް ގެއްލޭނެ ކަމަށެވެ.

ފުއްގިރި މައްސަލައިގެ ދައުވާ ލިބޭ ކްރިކް ރިޒާގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ މި މައްސަލައަކީ ލައިވްކުރަން އެދިފައިވާ މައްސަލައަކަށް ވާއިރުވެސް އެމައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުގައި ނުނިމި ހުރި މައްސަލަތައް ހުއްޓާ ފުއްގިރި މައްސަލަ އަވަސްކުރަން އުޅޭތީ ކަންބޮޑުވާ ކަމަށެވެ.

ހަމްޒާ ވިދާޅުވީ ފުއްގިރި މައްސަލަ ވަކިން ހާއްސަކޮށް ކުރިއަށް ގެންދާނަމަ އާންމުންގެ މެދުގައި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ. އަވަހަށް މައްސަލަތައް ކުރިއަށް ގެންދަން ތާވަލްކުރަން ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އެހެން މައްސަލަތަކެކޭ އެއްފަދައިން އެއް އިންތިޒާމަކުން ފުއްގިރި މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް ހަމްޒާ އެދިވަޑައިގަތެވެ.

ސަން އިންވެސްޓެމްންޓުގެ ވަކީލު އަލީ ޝާހު ވިދާޅުވީ، އިބްތިދާއީ މަރުހަލާގައި ނިންމި ބައެއް ނިންމުންތައް އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށެވެ. އަދި ވަކީލުންގެ އެހެން މައްސަލަތަކެއް ހުރިކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ. ނަދީމްގެ ސެކްޝަނުގައި ނުނިމި ގިނަ މައްސަލަތަކެއް ހުއްޓައި މި މައްސަލަ އަވަހަށް ގެންދަން ޖެހެނީ ކީއްވެތޯ ވެސް ސުވާލު އުފެއްދެވި އެވެ. އަދި ޖެހިޖެހިގެން އަޑުއެހުން ބާއްވަން ނިންމެވި ނިންމެވުން މުރާޖައާކޮށްދެއްވަން ޝާހު އެދިވަޑައިގަތެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ގާޒީ ނަދީމު ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ. އެގޮތުން އަންނަ މަހުގެ ނުވަވަނަ ދުވަހު ސަން ކުންފުނީގެ އަޑުއެހުންތައް ބޭއްވުމަށާއި، މާޗް 12 ވަނަ ދުވަހު ކްރިކް ރިޒާގެ އަޑުއެހުންތައް ބޭއްވުމަށާއި 13 ވަނަ ދުވަހު ރައީސް ޔާމީންގެ އަޑުއެހުންތައް ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ. މިއީ ދިފާއުގެ ފަރާތުން އިބްތިދާއީ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުންތަކެކެވެ.

މީގެ އިތުރުން އަންނަ މަހުގެ 16، 20، 22، 26، 27، 28، 29 އަދި 30 ގައި ހެކިބަސް ނެގުމަށް އަޑުއެހުންތަކެއް ބޭއްވުމަށްވެސް ގާޒީ ނަދީމު ވަނީ ތާވަލްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.