އެމްޑީޕީއާއެކު ކޯލިޝަންގެ މަޝްވަރާކުރަން އަދާލަތު ޕާޓީން ނިންމައިފި

އެމްޑީޕީއާއެކު ކޯލިޝަންގެ މަޝްވަރާކުރަން އަދާލަތު ޕާޓީން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2023 07:33
0

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން މަޝްވަރާ ކުރާ ގޮތަށް އަދާލަތު ޕާޓީން ރޭ ނިންމައިފިއެވެ.

އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުން އެ ގޮތަށް ނިންމާފައިވަނީ އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާ އަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ރައީސް އިއްޔެ ފޮނުއްވި ސިޓީ އަށް މަޝްވަރާކުރުމަށް ފަހުގައެވެ.

އެޕާޓީން މިގޮތަށް ނިންމީ މިރޭ ބޭއްވި އެޕާޓީގެ ކުއްލި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ. މިބައްދަލުވުން ޗެއާ ކުރައްވީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާނެއެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް ސޯލިހުގެ ދައުވަތާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގައި، ރައީސް ސޯލިހުގެ މި ހިނގާ ރިޔާސީ ދައުރުގެ ތަޖުރިބާ އެހެން ސަރުކާރުތަކަށް ވުރެ ރަނގަޅުކަން ފެނިފައިވާ ކަމަށް މަޝްވަރާ މަޖިލީހުން ފާހަގަ ކުރިއެވެ. ނަމަވެސް އެ މަޖިލީހުން ނިންމީ ރައީސަށް ތާއީދު ދިނުމުގެ ކުރިއަށް އެމްޑީޕީއާއެކު އިތުރަށް މަޝްވަރާ ކުރުމަށެވެ.

ކޯލިޝަނާއެކު ރިޔާސީ އިންތިހާބަށް ނިކުތުމަށް އެދި ރައީސް ސޯލިހު ސޮއި ކުރައްވައި ސިޓީފުޅު ފޮނުއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓަށެވެ. ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީތަކާއެކު އިންތިހާބަށް ނިކުންނަވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

މި ވެރިކަން އުފެއްދީ މި ޕާޓީތަކުން ގުޅިގެން އުފެއްދި ކޯލިޝަނަކުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައެވެ. މިއީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ފުރަތަމަ ބުރުގައި އުފެދުނު ފުރަތަމަ ވެރިކަމެވެ. އެ ނޫން ހުރިހާ ވެރިކަންތަކުގައި ވެސް ކޯލިޝަން ހަދަނީ ދެ ވަނަ ބުރުގައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ އެހެން ޕާޓީތަކާ އެކު އުފައްދާ ކޯލިޝަނަކުން އަނެއްކާ ވެސް ވެރިކަން ކުރެއްވުމެވެ. އެކަމަށްޓަކައި ޕާޓީތަކާ އެކު މަޝްވަރާކުރެއްވުމުގެ ހުރިހާ ބާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އެމަނިކުފާނަށް ވަނީ ދެއްވައިފައެވެ.

ރައީސް ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބުކުރައްވަން ބޭނުންފުޅުވަނީ އެއް ބުރުންނެވެ. އެކަން ކުރެވޭނީ ހުރިހާ ޕާޓީތަކުން ވެސް ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް މިހާރު ގެންގުޅޭ ވިސްނުމުގައި އެއްބައިވަންތަކާ އެކު ދެމިތިބެގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.