ގެއްލިގެން ހޯދަމުންދިޔަ ސ.މަރަދޫ، ގަސްކަރަ މުޙައްމަދު އާސިރު އިސްމާއިލް ފެނިފައިވަނީ އެއާޕޯޓް ޓާމިނަލް ތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.
އާސިރު ވީނުވީއެއް ނޭނގިގެން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު 19:30 ހާއިރުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށްބުނެއެވެ. އެއާއެކު އޭނާ ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯވެސް އާއްމުކޮށްފައެވެ.
އާސިރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އާސިރު ފެނިފައިވާއިރު އޭނާ ހޯދުމަށް އެއާޕޯޓުގައި ހަރުކޮށްފައިވާ އެކި ކެމެރާތަކުގެ 150 ގަޑިއިރަށް ވުރެ ގިނަ ފޫޓޭޖު ބެލިއެވެ. ގެއްލިގެން ހޯދަމުންދާތާ 12 ދުވަސް ފަހުން އާސިރު ފެނުނު ކަމަށް ފުލުހުން އެ ރޭ ބުނި ނަމަވެސް, އިތުރު މައުލޫމާތެއް ނުދެއެވެ. އެކަމަކު, މިއަދު ފުލުހުން ބުނި ގޮތުގައި އާސިރު ފެނުނީ އެއާޕޯޓް ޓާމިނަލްގެ ތެރެއިންނެވެ.
ސިކުނޑީގައި އުނިކަމެއް ހުންނަ އާސިރުގެ އާއިލާ އިން ބުނާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ފިހާރައަށް ވަޒީފާއަށް އޭނާ އަބަދުވެސް ދަނީ ސައިކަލްގައެވެ. ނަމަވެސް މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ކާރެއްގައި އޭނާ ޑިއުޓީއަށް ދިޔައީ ސައިކަލް ތަޅުދަނޑި ގޭގައި ބާއްވާފައި ކަމަށް އާއިލާ އިން ބުނެ އެވެ. އޭގެފަހުން އޭނާ ހަބަރެއް ނުވެ ގެއްލުނީއެވެ.
އޭނާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ހަބަރެއް ނުވުމުންނެވެ.