ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތު ބަދަލު ކުރަން ގަރާރެއް

ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތު ބަދަލު ކުރަން ގަރާރެއް

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2023 01:18
0

މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިގަރާރު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. ގަރާރުގައި ބުނެފައިވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދީ އެ މީހުން އަނބުރާ މުޖުތަމައަށް ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މި ވައުދު ފުއްދުމަށް ގެންގުޅޭ ސިޔާސަތާއި ނިޒާމާއި އަދި އޮނިގަނޑު ރާވާފައިވާ ގޮތުން މެނިފެސްޓޯގެ އެ ލަނޑުދަނޑި ހާސިލުނުކުރެވޭނެ ކަމަށެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ނުލިބި އެ މީހުން މުޖުތަމައުން ބާކީވެ އެ މީހުންގެ އާއިލާތައް ނިކަމެތިވެގެންދާ ދިޔުމަށް އަވަސް ހައްލެއް ހޯދަން ބޭނުންވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވަރާ އެއްގޮތަށް ފަރުވާ ދޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތްތަކުގެ ތެރެއަކު ނެތެވެ. ދިގު މުއްދަތަކަށް ބައިތިއްބައިގެން ފަރުވާ ދޭން ރާއްޖޭގައި ހުރި ދެ މަރުކަޒުގައި ވެސް ފަރުވާ ދޭނޭ މީހެއް ނެތިގެން އެ ތަނުގެ 50 ޕަސެންޓު ވެސް ބޭނުން ކުރެވިފައި ނުވޭ. ހަސަންގެ ގަރާރުގައި ވެއެވެ.

އިތުބާރު ހިފޭ ފަރުވާ ދޭ ނިޒާމެއް ގާއިމް ކުރުމަށް، ދިގު ނުދައްމައި ސަރުކާރުން އަވަހަށް ގާއިމް ކުރުމަށް ސަރުކާރުގެ ފަރާތުން އަމިއްލަ ފަރާތްތަކަށް އަދި ވަކިން ހާއްސަކޮށް ބޭރުގެ ތަޖުރިބާކާރުންނަށް އެ ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް ބުނެފައިވެއެވެ. އެފަދަ މީހުން އެ ކަމުން ސަލާމަތް ކުރެވެން އޮތީ އެ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގެ ކަންކޮޅުތަކުން ލިބޭނެ ގޮތް ހަމަޖައްސައި، ކޮމިއުނިޓީ ރީ އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަން ޖެހޭ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސެލިންގެ ހިދުމަތް ދެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ކައުންސެލިންގެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.