އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދާ ގުޅޭގޮތުން އަލިމަސް ކާނިވަލުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް މަޢާފަށް އެދެންޖެހޭ ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރޭ އޮތް ޖަލްސާގައި މާރިޔާ ވަނީ ސަމަދުއަށް އިންޑިއާގައި ދިމާވި ކަންތައްތަކާއި އޭނާ ރާއްޖެ އައިސް ކަން ހިނގައިިދިޔަ ގޮތް ކިޔައިދެމުން ދިން އިންޓަވިއުއަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވައި މާރިޔާ ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ފާޅު ކުރަމުންދާ ޝުއޫރުތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
މިވާހަކަތަކާއި ގުޅިގެން ނާޒިމް ވިދާޅުވީ އާންމު ތަންތަނުގައި ދިވެހި ރައްޔިތެއްގެ ތަކުލީފުތަކަށް މަލާމާތް ކުރުމަކީ މިނިސްޓަރެއްގެ، ހާއްސަކޮށް ޑިފެންސް މިނިސްޓަރު ކަރާމާތާއިމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އޭނާގެ ނާތަހުޒީބު ކަމާއި، ދުސްތޫރީ ވާޖިބުތަކަށް އިހުތިރާމު ނުކޮށް ދެއްކި ވާހަކަތަކަށް ސަމަދުގެ ކިބައިން އެންމެންގެ ކުރިމަތީގައި މައާފަށް އެދެން ޖެހޭ.
– ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަކުލީފެއް އުފުލަން ޖެހިފައިވާ ފަރާތެއްގެ އިހުސާސްތަކަށް އިހުތިރާމު ނުކޮށް ވާހަކަ ދެއްކުމަކީވެސް އަނިޔާއެއް ކަމަށެވެ. އަދި އެކަން ލޯޔަރެއްގެ ހައިސިއްޔަތުން ހުދު މާރިޔާއަށްވެސް އެނގިވަޑައިގަންނަވަންޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ސަމަދު އަކީ "ފިނޑި" މީހެއްގެ ގޮތުގައި ސިފަކުރެއްވުމަށް ފަހު މާރިޔާ ވަނީ ސިފައިން ތަމްރީނު ކުރަމުންދަނީ އެފަދަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކަތަކާ އެކު ސޯޝަލް މީޑިއާގައި މާރިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮޔެއް ނުގަންނާނެ. ހެދެނީ ނުހެދެނީ ކޮން ބައެއްކަން ނޭނގޭ ބައެއް ނޫން އަޅުގަނޑުމެން ތައްޔާރު މި ކުރަނީ.
– މާރިޔާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ކެބިނެޓު ވަޒީރެއްގެ ގޮތުގައި ހުރެ ދައްކަން އެކަށީގެންވާ ވާހަކަތަކެއް ނޫނެވެ. މާރިޔާގެ ވާހަކަތަކާއި ގުޅިގެން ކުރީގެ ސިފައިންގޭގައާއި ފުލުހުންގެ ތެރޭގައި އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅުން ގެންދަވަނީ މާރިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ޤައުމުގެ ދިފާއީ ބާރާއި ހަވާލުވެ ހުންނަވައި މާރިޔާ ދެެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ