އާއިލާގެ މީހުންނާއެކު އިންޑިއާއަށް ބޭސް ފަރުވާއަކަށް ގޮސް ހުއްޓާ، އެގައުމުގެ އިމިގްރޭޝަނުން ހައްޔަރުކޮށް ދާދިފަހުން ޑީޕޯޓު ކޮށްލާފައިވާ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) އިންޑިއާގައި ހައްޔަރު ކޮށްފައި ބަހައްޓާފައި ހުރީ ފިނި ކޮޓަރިއެއްގައި ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ރައީސް ސާލިހަށް އެރުވުމަށް، ކާނިވާ ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އަވައްޓެރި އިނޑިއާގެ މިލިޓަރީއާއި ދިމާލަށް ގޮންޖައްސަވާ ވާހަކަ ދެއްކުމަށްފަހު ސަމަދު އިންޑިއާއަށް ދިޔައީ ތުނބުލީ ބާލައިގެން، ތައްޔާރު ވެލައިގެން އާއިލާއެކީ ކަމަށެވެ. އަދި މާރިޔާ ވިދާޅުވީ، އިންޑިއާއަށް ސަމަދު ދިއުމަށްފަހު ދެން ފެނިގެންދިޔައީ އެނބުރި ރާއްޖެ އައިތަން ކަމަށާއި، ދެން ފެނިގެން ދިޔައީ ކެމެރާ ކުރިމަތީގައި މޫނުގައި އަތް އަޅުއްވާ "ކީރިތި" ކުރައްވަން ފެއްޓިތަން ކަމުގައެވެ.
ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ސިފައިންނާ ފުލުހުންގެ ތެރޭގައޭ. ދިދަ ހިތްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދެކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނިކޮޓަރިއެއްގައި. އެކަމަކު އަބުރާ ވަޑައިގެންނެނީ ކީރިތިފުޅު ކުރައްވަމުން. މިވަރު މީހުން މިނުކުމެ އުޅެނީ.
އިންޑިއާއިން ހައްޔަރުކޮށް އަދި 4 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އެގައުމުން ޑީޕޯޓު ކޮށްލާފައިވާ ސަމަދަށް މަލާމާތް ކުރައްވާ ހަޖޫ ޖައްސަވަމުން މާރިޔާ ވިދާޅުވެފައި ވެއެވެ.
ސަމަދު އިންޑިއާއިން ހައްޔަރުކޮށް ފިނި ކޮޓަރިއެއްގައި ބެހެއްޓިކަމަށް މާރިޔާ ވިދާޅުވި ނަމަވެސް، އިންޑިއާއިން ޑީޕޯޓު ކޮށްލުމަށްފަހު މާލެއައިސް ސަމަދު ބުނެފައިވަނީ ހައްޔަރު ކުރުމަށްފަހު އޭނާ ބާއްވާފައި އޮތީ ގަދަ ފިނީގައި ކަމަށާއި، ފިނިން ސަލާމަތްވާނެ އެއްވެސް ފަދައެއްވެސް ނެތި ކަމަށެވެ. އަދި އޭނާއަށް ގައިގަ އޮޅާލާނެ ރަޖައެއްވެސް ލިބުނީ ކަސްޓަޑީގަ އޮތް އެފްރިކާ މީހަކު ފުރައިގެން ދިއުމުން ކަމަށާއި، ހިތުގެ ބައްޔާއި، ކޮލެސްޓްރޯލްއާއި ލޭމައްޗަށް ދިއުމުގެ މައްސަލަވެސް ހުންނައިރި، ބޭސް ނުކެވި 4 ދުވަސް ފާއިތުވެގެން ގޮސްފައިވާކަމަށްވެސް ސަމަދު ބުނެފައި ވެއެވެ.
އިންޑިއާއިން ޑީޕޯޓު ކޮށްލުމަށްފައި ރާއްޖެއައިސް ވާހަކަ ދައްކަމުން ސަމަބު ބުނެފައިވަނީ އޭނާއާމެދު އިންޑިއާ ސަރުކާރުން އަމަލު ކުރިގޮތުން، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ގެއްލުން ވެފައިވާ ކަމަށާއި، ލިބުނު ހުރިހާ ގެއްލުމެއްގެ ބަދަލުވެސް އިންޑިއާ ސަރުކާރުގެ ކިބައިން ހޯދާން ބޭނުންވާ ކަމުގައެވެ.
އަދި އޭނާ ބުނެފައިވަނީ އިންޑިއާއިން އޭނާ ހައްޔަރު ކުރި ނަމަވެސް، ރައީސް ޔާމީނަށް ތާއީދުކުރުން ހުއްޓާނުލާނެ ކަމަށާއި، ކިތައްމެ ބޮޑު އަނިޔާއެއް ދިން ކަމުގައިވި ނަމަވެސް، ޔާމީނަށް ކުރާ ތާއީދު ހުއްޓުވައެއް ނުލެވޭނެ ކަމަށެވެ.
ޢަބްދުއްޞަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް ޢާއިލާއިން ބުނެއެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް 4 ދުވަސް ވިއިރުވެސް ވީނުވީއެއް ނޭނގި ދިޔައެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައިވެެެސްވެއެވެ. މީގެކުރިން ވެސް ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މީހުން އިންޑިއާގައި ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
ސަމަދު އިންޑިއާގައި ހައްޔަރުކޮށް ޑިޕޯޓު ކުރިިކުރުމަށް ހަޖޫ ޖައްސަވާ މާރިޔާ ރޭގެ ޖަލްސާގައި ވާހަކަ ދެއްކުމާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ