މާލެއިން ގެއްލިގެން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް (31އ) ފެނިއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅިވެފައިވަނީ ފުލުހުން އާސިރު ހޯދުމަށް ކުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށާއި، ރޭގެ ވަގުތެއްގައި އޭނާ ފެނިފައިވާކަމުގައެވެ.
އެހެންނަމަވެސް އޭނާ ފެނުނީ ކޮންތަނަކުން ކަމެއް އިމްރާންވެސް އަދި ފުލުހުންވެސް ހާމަ ކޮށްފައެއް ނުވެއެވެ.
Aasir hoadhumah @PoliceMv kurehvi bura masahkathah nihaayathah shukuru dhannavan.
Alhamdhu lillah. Meege irukolheh kurin fuluhunnah Aasir fenijje. https://t.co/cur4tTQobK— Imran Abdulla (@ShimranAb) February 16, 2023
ފުލުހުންގެ ފަރާތުން ހަމައެކަނި ބުނެފައިވަނީ އާސިރު ފެނުނުއިރު އޭނާގެ ހާލު ރަގަޅު ކަމުގައެވެ.
ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މީހެ އެއް ހަފްތާ ކުރިންނެވެ. އެހާތަތަނުން ފެށިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ސިކުނޑީގައި އުނިކަމެއް ހުންނަ އާސިރުގެ އާއިލާއިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ފިހާރައަށް ވަޒީފާއަށް އޭނާ އަބަދުވެސް ދަނީ ސައިކަލްގަ އެވެ. ނަމަވެސް އޭނާ ގެއްލުނުކަން އާއިލާއަށް އެގުނު ދުވަހު ރޭ ކާރެއްގައި އޭނާ ޑިއުޓީއަށް ދިޔައީ ސައިކަލް ތަޅުދަނޑި ގޭގައި ބާއްވާފައި ކަމަށް އާއިލާ އިން ބުނެ އެވެ. އޭގެފަހުން އޭނާ ހަބަރެއްނުވެ ގެއްލުނީކަމަށް އާއިލާއިން ބުނެފައި ވެއެވެ.
އޭނާ ގެއްލުނުއިރު ދިރިއުޅެމުން ދިޔައީ މާލޭގައި ކަމާށާއި، އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމަށާއި އޭރު ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ، އާސިރު ހޯދުމަށްޓަކާ، އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ސީސީޓީވީ ކެމަރާ ފުޓޭޖުގެ 150 ގަޑިއިރުގެ ފުޓޭޖު މިހާތަނަށް ބަލާފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ