މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި ބާއްވަން ފީފާއިން ނިންމައިފިއެވެ.
މިއީ މިމުބާރާތް ސައުދީ އަރަބިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ. ފީފާއިން މިކަން ހާމަކޮށްފައިމިވަނީ މޮރޮކޯގައި ބޭއްވި ފީފާ ކްލަބް ވާރލްޑް ކަޕްގެ ތަށި ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އުފުލާލިތާ ދެތިން ދުވަސް ފަހުންނެވެ. މިފަހަރުގެ ފައިނަލްގައި ފުރަތަމަ ފަހަރަށް ވަނީ ސައުދީއަރަބިއާއަށް ނިސްބަތްވާ ޓީމެއް ފައިނަލްގައި ވާދަކޮށްފައެވެ. އެމެޗް ރެއާލް ކާމިޔާބުކުރީ އަލް ހިލާލް އާއި ބައްދަލުކޮށް ފަސް ލަނޑު 3 ލަނޑުންނެވެ.
ފަހަކަށް އައިސް ސައުދީ އަރަބިއާއިން ވަނީ ކުޅިވަރަށް ވަރަށް ބޮޑު ހޭދައެއް ކޮށްފައެވެ. މިގޮތުން މިއަހަރު އޮސްޓްރޭލިއާ އާއި ނިއުޒީލަންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވިމެންސް ވާރލްޑް ކަޕްގެ އޮފިޝަލް ސްޕޮންސަރއެއްގެގޮތުގައިވެސް ފީފާއިން ވަނީ ސައުދީއަރަބިއާ ހިމެނޭކަން ހާމަކޮށްފައެވެ. ސައުދީ އަރަބިއާއިން ހާމަކުރިގޮތުގައި ކްލަބް ވާރލްޑް ކަޕް އެޤައުމުގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިއުމަކީ އެޤައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.
ސައުދީ އަރަބިއާއިން އަންނަނީ 2030 ވަނަ ފީފާ ވާރލްޑް ކަޕް ބޭއްވުމަށް ގްރީސް އާއި މިސްރާއި ގުޅިގެން ބިޑެއް ހުށަހެޅުމަށް ވިސްނަމުންނެވެ. އަދި ވަރަށް ފަހުން ދުނިޔޭގައި އެްމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ސައުދީ އަރަބިއާގެ އަލް ނަސްރު ކްލަބަށްވެސް ގެންގޮސްފައެވެ. މިއީވެސް ޤައުމުގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި އެޤައުމުން ހާމަކުރެއެވެ.