ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ކުލަބް ލިވަޕޫލް ބަލިކޮށް އެޓްލާންޓާ ހޯދި މޮޅާއެކު ގުރޫޕްގެ ފޯރިގަދަވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މި ހާފްގައި ލިވަޕޫލްއަށް އެޓްލާންޓާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ ފުރަތަމަ ލަނޑު އާޖެންޓީނާގެ ޕަޕޫ ގޯމޭޒް ދިން ބޯޅައިއަކުން ކާމިޔާބު ކޮށްދީނީ ޖޮސިޕް އިލިސިޗްއެވެ. މި ލަނޑު ޖެހިތާ ހަތަރު މިނިޓްފަހުން އެޓްލާންޓާއަށް ލީޑު ފުޅާކޮށްދިނީ ރޮބިން ގޯސެންސްއެވެ.
މިއީ ދެއަހަރުތެރޭގައި އަމިއްލަ ދަނޑުގައި ލިވަޕޫލް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ކުލޮޕްގެ ކޯޗުކަމުގައި އަމިއްލަ ދަނޑުގައި 137 މެޗަށްފަހު އެއްލަނޑަށް ވުރެގިނައިން ބައިކޮޅަށް ވަދެ ބަލިވި ފުރަތަމަ ފަހަރެވެ. އެޓްލާންޓާއިން ވަނީ މުބާރާތުގައި އެންމެފަހުން ރަށުން ބޭރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިންމެޗު ކޮޅަށް ލަނޑެއް ވައްދާނުލައި ނިންމާލިއިރު އެޓްލާންޓާއިން ވަނީ ހަތަރު މެޗުން 13 ލަނޑު ކާމިޔާބުކޮށްފައެވެ.
ރޭގެ މިގުރޫޕްގައި އަޔެކްސް އާއި މިޓްޔައެލޭންޑް ވާދަކުރި މެޗު 3-1 ލަނޑުން ކާމިޔާބުކުރީ އަޔެކްސްއެވެ. މި ނަތީޖާ އެކު ފަހުދެމެޗަށް މި ގުރޫޕްގެ ތިން ޓީމަށްވެސް މުބާރާތުގެ ދެވަނަބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. ގުރޫޕްގެ އެއްވަނައިގަ ލިވަޕޫލް އޮތީ ހަތަރު މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. އެޔެކްސް ދެވަނާއިގަ އޮތީ 7 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އެޓްލާންޓާއަށް ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިފައެވެ. މިޓްޔައެލޭންޑަށް އަދި މިފަހަރު ޕޮއިންޓެއް ނުލިބެއެވެ.