ފާއިތުވި ހަފްތާގެ ހޯމަދުވަހު ތުރުކީއަށް އައި ބިންހެލުމުގައި، ބައިނަލްއަގުވާމީ އެހީތެރީކަމަށް ތުރުކީއިން އެދުނު އެދުމަށް އިޖާބަދީ، އެގައުމަށް ދުނިޔޭގެ 100 ވަރަކަށް ގައުމުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމުގައި ތުރުކީގެ ފޮރިންގ މިނިސްޓްރީން ބުނެފިއެވެ.
ތުރުކީގެ ފޮރިންގ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އޭގެ އިތުރުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކުގައި ދުނިޔޭގެ 58 ގައުމަކުން 8,326 މީހަކު ދަނީ ހަރަކާތްތެރި ވަމުންނެވެ. އިތުރު 13 ގައުމުމަކުން މިހާރުވެސް ދަނީ ޓީމްތައް ފޮނުވުމަށް ތައްޔާރު ވަމުން ކަމުގައިވެސް ތުރުކީގެ ފޮރިންގ މިނިސްޓްރީން ބުނެފައި ވެއެވެ.
Foreign search, rescue and aid teams in the earthquake regions pic.twitter.com/XWpLIeeFjc
— Turkish MFA (@MFATurkiye) February 11, 2023
ފާއިތުވެދުޔަ ހަފްތާގެ ހޯމަދުވަހުގެރޭގެ ދަންވަރު ތުރުކީއާއި އަވައްޓެރި ސީރިއާއަށް އައި، ބާރުމިނުން 7.8ގެ ބިންހެލުމުގައި މިހާތަނަށް 24,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ. މީގެ ތެރެއިން 20,665 މީހުންނަކީ ތުކީގައި މަރުވެފައިވާ މީހުންނަށް ވާއިރު، 3,500 މީހުން މަރުވެފައިވަނީ ސީރިއާގައެވެ.
ޔޫއެންއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ސީރިއާގައި 5.3 މިލިއަން މީހުން މިހާރުވަނީ ގެދޮރު ނެތިފައެވެ. އޭގެ އިތުރުން 900،000 މީހުންނަކީ ތުރުކީއާއި ސީރިއާގައި ކާނާއަށް ބޭނުންވެފައިވާ މީހުން ކަމުގައިވެސް ޔޫއެންއިން ބުނެފައި ވެއެވެ.
ތުރުކީއަށް އައި ބިންހެލުމުގެ އަސަރު ސީރިއާއިން ބޮޑަށް ކޮށްފައިވަނީ، އެގައުމުގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދު ތަކަށެވެ. އަދި ސީރިއާގެ ސަރުކާރުން މިހާރުވަނީ ި ސަރަހައްދުތަކަށް އެހޯ ފޯރުކޮށްދިނުމުގެ ހުއްދަވެސް ދޫކޮށްފައެވެ. އަދި ތުރުކީންވެސް ބުނެފައިވަނީ މި ސަރަހައްދުތަކަށް އެހީ ގެންދެވޭނެ އިތުރު މަގުތައް ހުޅުވުމަށް އެގައުމުންވެސް މަސައްކަތް ކުރަމުން ދާކަމުގައެވެ.