މި ފަހަރު ގާސިމް ވާދަކުރައްވާނީތަ! ނުވަތަ އަބަދުވެސް ކިންގ މޭކަރެއްގެ ގޮތުގައި ހުންނަވާނީތަ؟

މި ފަހަރު ގާސިމް ވާދަކުރައްވާނީތަ! ނުވަތަ އަބަދުވެސް ކިންގ މޭކަރެއްގެ ގޮތުގައި ހުންނަވާނީތަ؟

Author
ހުސެއިން
11 ފެބްރުއަރީ 2023 09:58
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ 8 މަހެއްހާ ދުވަހަށް ވެފައިވާއިރު، 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކި ޕާޓީތަކުންނާއި އެކި ސިޔާސީ ލީޑަރުން މިހާރު ގެންދަވަނީ އެކި ފޯމިއުލާތައް ޖަސައްވަމުންނެވެ. އެކި ކާޑުތައް ކުޅުއްވަމުންނެވެ.

އޭގެ ތެރޭގައި ބައެއް ސިޔާސީ ބޭބޭފުޅުން އަދިވެސް ހަނު ތިއްބެވިއިރު އަނެއްބައި ބޭބޭފުޅުން ޖައްސަވަމުން ގެންދަވާ ފޯމިއުލާއަކީ ކޯލިޝަނެއް އުފައްދަވައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފޯމިއުލާއެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ފާއިތުވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ޖެއްސެވި ހިސާބުތަކެވެ. އެއީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ ގިނިކަންޏާ ވާދަކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވިއިރު، ކޯލިޝަނެއް ހައްދަވައިގެން މެނުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަމަށް ވިދާޅުވެ، އެޕާޓީގެ އިސް ލީޑަރު، ރައީސް ސާލިހު ޖައްސަވާފައިވާ ހިސާބުތަކެވެ.

މިގޮތުން ފާއިތުވި ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި، ދެންވެސް ވެރިކަމަށް ވަޑައިގެންނަވާނީ މިހާރުވެސް އޮތް ކޯލިޝަނާއެކީކަމަށް ވިދާޅުވަމުން ރައީސް ސާލިހު ކުރެއްވި ކެމްޕޭން ކާމިޔާބު ކުރައްވާ، އެމަނިކްފާނު މިހާރުވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް ކަށަވަރު ކުރައްވާފައެވެ.

އެހެންނަމަވެސް، ކޯލިޝަނެއް ހައްދަވައިގެން މެނުވީ އެއްވެސް ސިޔާސީ ލީޑަރަކަށް ރާއްޖޭގެ ވެރިކަމަށް ވަޑައި ނުގެންނެވޭނެކަމަށް ވިދާޅުވެ. އަދި ކޯލިޝަނެއް ހައްދަވާނެކަމަށް ރައީސް ސާލިހު ވައުދުވެ ވަޑައިގެންފައިވި ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމިގެން ދިއުމަށްފަހުވެސް، މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން އެޕާޓީތައް ބައިވެރިވާނީ ކޮން ކޯލިޝަނެއްގައިކަމެއް، ނުވަތަ އެޕާޓީތަކުން ކޯލިޝަން ހަދާނީ ކޮން ސިޔާސީ ބޭފުޅަކާއެކީ ކަމެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު, އެ ޕާޓީގެ އެންމެ އިސް ދެލީޑަރުންގެ އަމާޒުވެސް މިހާރު ހުއްޓިފައި ހުރީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސމް އިބުރާހީމަށް

އެއާއެކު ގިނަ ބައެއްގެ ނަޒަރު މިހާރު ހުއްޓިފައިވަނީ، ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ހެދިގެންދާ ކޯލިޝަނެއް ހަގީގީ ބާރުވެރިކަން ހުރި ކޯލިޝަނަކަށް ވެގެން ދިއުމަށްޓަކާ، އަބަދުވެސް އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ޖުމުހޫރީ ޕާޓީއާއި ދިމާލަށެވެ. އަދި ފާއިތުވެދިޔަ ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް، ވެރިކަމަށް އަައި ކޯލިޝަންތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ނިންމަވާނޭ ނިންމެވުމަކަށެވެ.

 

ގާސިމް މުހިންމުވާ ވަގުތު އަތުވެއްޖެ!

ޖުމުހޫރީ ޕާޓީގެ ލީޑަރު، މަހުޖަނު ގާސިމް އިބުރާހިމް ފާހަގަ ކުރެވިފައިވަނީ، މީގެ 15 އަހަރު ކުރިން ދިވެހިރާއްޖެ ޑިމޮކިރަސީއަށް އަލި ވިލުމަށްފަހުވެސް ވެރިކަމަށް ވަޑައިގެންނެވުމުގެ ހުވަފެންފުޅު ދެކެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މި ހުވަފެންފުޅުގައި ގާސިމް ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ވެރިކަމަށް ވާދަ ކުރައްވާފައިވެސްމެއެވެ.

އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު ކާމިޔާބީއާއި ހަމައަށް ދަތުރު ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، މިއިން ކޮންމެ ފަހަރަކުވެސް، ގާސިމްވަނީ އިންތިޚާބު ކާމިޔާބު ކުރުމަށް އަމާޒުކޮށް ހެދުނު ކޯލިޝަންތަކުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އެއަށްފަހު އުފެދުނު ކޯލިޝަން ސަރުކާރު ތަކުގެ ކެބިނެޓްގައި ޖޭޕީގެ ފަރާތުން ވަޒީރުން ތިއްވާފައިވާއިރު، ސިޔާސީ ގިނަ މަގާމްތަކެއްގައިވެސް ޖޭޕީގެ މެމްބަރުން ތިއްބަވާފައި ވެއެވެ.

2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އުފެއްދި ކޯލިޝަނަށް އެ އިންތިޚާބު ކާމިޔާބު ވެދިއުމަށްފަހު، ދެން އުފެދިގެން އައި ސަރުކާރުގައި ނާއިބު ރައީސްކަމާއި އަދި 4 ވުޒާރާއެއް ޖުމުހޫރީ ޕާޓީއަށް ލިބިގެން ގޮސްފައި ވެއެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ވަޒީރަކަށް ވަޑައިގެންނެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިގެ އެއް އަނބިކަބަލުންނެވެ.

އެހެންކަމުން ދިވެހިރާއްޖެ އާ ޑިމޮކްރަސީއަކަށް އަލި ވިލުމަށްފަހު ކުރި މި ކުރު ދަތުރުގައި، 4 ރައީސުން ވެރިކަމަށް ވަޑައިގެންފައިވާއިރު، ފެންނާން އޮތް ހަގީގަތަކީ އެ ހުރިހާ ވެރީންވެސް، މަހުޖަނު ގާސިމް އިބްރާހީމްގެ އެހީތެރިކަމާއެކު، އަދި ގާސިމް އިބުރާހިމްގެ އަމިއްލަފުޅު ޕާޓީ، ޖުމުހޫރީ ޕާޓީގެ މުހިންމު ދައުރެއް އޮވެގެން ވެރިކަން ކުރައްވާފައިވާ ތަނެވެ.

ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކޯލިޝަންއަކާއެކު ކަމަށް

އަދި އެމުހިންމުކަން އަބަދުވެސް ރިޔާސީ އިންތިޚާބެއް ގާތްވުމާއެކު ވަކީން ޚާއްސަކޮށް ބޮޑުވެގެންދާތަންވެސް މެއެވެ. ހަމަ މިހަގީގަތް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ގާތްވާން ފަށާފައިވާއިރު، މި ބީދައިން މިހާރު މިވަނީ އަނެއްކާވެސް އަލުން މާ ސާފުކަން ބޮޑުކޮށް ފާޅުވާން ފަށާފައިކަމުގައިވެސް ދަންނަވާން ޖެހެއެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ވެރިކަން ކުރާ އެމްޑީޕީން ކޯލިޝަނެއް އުފައްދައިގެން މެނުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނޭކަމަށް ބުނަމުންދާ ބުނުމެވެ. އަދި އެއާއެކު، ވެރިކަންކުރަމުންދާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ބަލާއިރު، އެ ކޯލިޝަންގައި، ޖުމުހޫރީ ޕާޓީ ފިޔަވާ، ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ރިޔާސީ އިންތިޚާބަށް މާބޮޑު ކޮންޓްރިބިއުޝަނެއް ދެވޭނެ ޕާޓީތަކެއް ފެންނާން ނެތްކަމީވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށްވެސް އަދި ރައީސް ނަޝީދަށްވެސް ގާސިމް އިބުރާހިމްގެ މުހިންމުކަން އަނެއްކާވެސް އެތައް ގުނައަކުން ބޮޑުވެގެންދާން މެދުވެރިވާ އެއް ސަބަބު ކަމުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ގިނަ ބައެއްގެ ނަޒަރު މިހާރު ހުއްޓިފައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ގާސިމް އިބުރާހިމް ނިންމަވާނޭ ނިންމެވުމަކަށެވެ. އެއީ މިހާރުވެސް އެޕާޓީއޮތް ކޯލިޝަންގައި ދެމިއޮވެ، ރައީސް ސާލިހަށް ތާއީދު ކުރާނީތޯ ކުރެވޭ ސުވާލެވެ. ނުވަތަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބުރާހިމް ވާދަކުރައްވާނީތޯ ކުރެވޭ ސުވާލެވެ. ނުވަތަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ނުވަތަ އިދިކޮޅު ޕީޕީއެމްއާއެކު ގާސިމް އިބުރާހިމް ކޯލިޝަނަކަށް ވަޑައިގަންނަވާފާނެތޯ ގިނަ ބައެއް ހިތްތަކުގައި އުފެދެމުންދާ ސުވާލުތަކެވެ.

 

މިއީ ގާސިމްގެ ފަހަރުތަ؟

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، މިހާތަނަށް އަދި ސާފުވާން އޮތީ އެންމެ ހަގީގަތެއް ކަމުގައި ދަންނަވާން ޖެހެއެވެ. އެއީ، ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ސާލިހު ކުރިަޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމެވެ.

އެހެންނަމަވެސް، ގިނިކަންޏާ ރިޔާސީ އިންތިޚާބު އެއްވެސް ބޭފުޅަކަށް ކާމިޔާބު ނުކުރެއްވޭނެކަމަށް ޚުދު ރައީސް ސާލިހުވެސް ވިދާޅުވަމުން ގެންދަވާތީ، 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ބޭފުޅަކާމެދު، އިތުރަށް ޖަހާން ހުރި ހުރިހާ ހިސާބުތަކާއި ފޯމިއުލާތައް އަދި ހުރީ ވަރަށްވެސް ބޮޑު އޮޅުން ބޮޅުންގަޑެއްގެ ތެރޭގައި ކަމުގައި ދަންނަވާން ޖެހެއެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަމީ، ސިޔާސީ މަސްރަހަށް މިހާރު އައިސްފައިވާ ބަދަލުތަކާއެކު އެންމެ ފުރަސަތު ބޮޑު އެއްބޭފުޅަކީ ގާސިމް އިބުރާހިމް ކަމުގައެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބު ރައީސް ސާލިހަށް ކާމިޔާބު ނުކުރެއްވޭނެކަމަށް ނަޝީދު ވިދާޅުވަމުންދާ ވިދުޅުވުމާއެކު، އަދި އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ބޭފުޅެއްގެ ގޮތުގައި ނަޝީދަށް ގާސިމް އިބުރާހިމް ސިފަ ކުރެވެމުންދާތީއާވެސް އެކު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ނަޝީދު ގާސިމަށް ތާއީދު ކުރައްވަފާނޭކަމަށް މިހާރުވަނީ ގަބޫލުކުރެވެންވެސް ފަށާފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ގާސިމަށް އޮތް ފުރުސަތު ދަނީ ފަހިވަމުން

ގިނަ ބަޔަކު ދެކޭގޮތުގައި، އެފަދަ ހާލަތެއްގައި، އެއްވެސް ރިޔާސީ ކެނޑިޑޭޓަކަށް ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވި، ގާސިމް އިބުރާހީމަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ.

ހަމަ ޔަގީނުންވެސް ސާފުވާން އޮތް އެއް ހަގީގަތަކީ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެތެރޭގައި އޮތް ސިޔާސީ ބޮޑު ވާދަވެރިކަމާއި، އަދި ބައިބައިވުންތަކާއެކު ނަމަވެސް، ރިޔާސީ އިންތިޚާބު ގާތްވެގެން ދާއިރު، އަނެއްކާވެސް ގާސިމް އިބުރާހިމްގެ މުހިންމުކަން ސިޔާސީ ޕާޓީތަކަށް ބޮޑުވަމުންދާތަނެވެ. ހަމަ އެއާއެކު، ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބީއަކާހަމައަށް ދަތުރުކުރުމަށް ގާސިމް އިބުރާހީމަށް އޮތް ފުރުސަތުވެސް މަޑުމަޑުނަމަވެސް ފުޅާވަމުންގޮސް، އެ މަންޒަރުން ހިރަފުސް ފިލާ، މަސްރަހު އަމާންވާން ފަށާފައިވާކަަމަށްވެސް ގިނަބަޔަކު މިވަނީ ބުނާން ފަށާފައެވެ.

އަދި މިހާރު ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ގާސިމް އިބުރާހީމަށް އިޚްތިޔާރު ކުރާން ޖެހިފައި އޮތީ އަނެއްކާވެސް "ކިންގ މޭކަރ"އެއްގެ ގޮތުގައި ދެމި ހުންނަވާތީތޯ ނުވަތަ ވެރިކަމަށް ވަޑައިގެންނެވުމަށް އަނެއްކާވެސް އާ އަޒުމަކާއެކީ އާ މަސައްކަތެއް ފައްޓަވާނީތޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.