މަރުވެފައިވާ އިންޑިއާގެ މަޝްހޫރު ބަތަލާ ސްރީދޭވީ ގެ ބައޮގްރަފީއެއް ނެރެން ނިންމައިފި އެވެ.
"ސްރީދޭވީ: ދަ ލައިފް އޮފް އަ ލެޖެންޑް"ގެ ނަން ދީފައިވާ މި ފޮތުގައި 80 އާއި 90 ގެ އަހަރުތަކުގައި ސްރީދޭވީ ބޮލީވުޑްގައި ރަނިކަން ކުރި ގޮތް ވަރަށް ތަފްސީލުކޮން ގެނެސްދީފައި ވެއެވެ. މި ފޮތް ލިޔެފައި ވަނީ ސްރީދޭވީ އާއި އޭނަގެ އާއިލާއާ ގާތް ގުޅުމެއް އޮތް ލިޔުންތެރިޔާ ދީރަޖް ކުމާރެވެ. އަދި މިއީ އޭނަގެ އަލަތު ފޮތް ވެސް މެ އެވެ. އޭނާއަކީ ރިސާޗަރަކާއި ލިޔުންތެރިއެއްގެ އިތުރުން ކޮލަމިސްޓެކެވެ.
ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަ ކުރެވޭ ސްރީދޭވީ އަކީ އެހާމެ ކާމިޔާބު އަދި ރީތި ބަތަލާއެކެވެ. އެހެން އަންހެން ތަރިއަކަށް ނުދެވޭ ވަރުގެ އުހަށް ސްރީދޭވީ ދަތުރު ކުރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިއެވެ. އަދި އޭނާގެ ރީތި ކަމާއި އެއްވަރަށް އޭނާ އަކީ އެކްޓިންގައި ވެސް ކުޅަދާނަ ބަތަލާއެކެވެ.
ސްރީދޭވީގެ ބައޮގްރަފީއާ ބެހޭ ގޮތުން ވެސްޓްލޭންޑް ބުކްސްގެ އެކްޒެކެޓިވް ޑިރެކްޓަރު ސަންގަމިތުރާ ބިސްވާސް ވިދާޅުވީ "ސްރީދޭވީ: ދަ ލައިފް އޮފް އަ ލެޖެންޑް" ގައި ހުނަރުވެރި އަދި އެހާމެ ކާމިޔާބު ބަތަލާއާ ބެހޭ ޝައުގުވެރި އެތައް ވާހަކައެއް ލިޔުންތެރިޔާ ތިލަކޮށްދޭނެ ކަމަށެވެ. އަދި ހަމަ އެއާއި އެކުގައި މި ފޮތަކީ ސްރީދޭވީގެ 360 ޑިގްރީގެ ކުރެހުމެއް ކަމަށާއި މި ފޮތުގެ ސަބަބުން ކިޔުންތެރިންނަށް އެ އައިކަން އަލުން ހޯދޭނެ ކަމަށް ޕަބްލިޝަރުން ބުނެ އެވެ.
ސްރީދޭވީގެ ފިރިމީހާ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނީ ސްރީދޭވީގެ ބައޮގްރަފީ ލިޔަން ދީރަޖަށް ހުއްދަ ދިނީ އޭނަ އަކީ އެ އާއިލާގެ ވަރަށް ގާތް މީހަކަށްވުމުން ކަމަށެވެ.
އުމުރުން 54 އަހަރުގައި 2018 ވަނަ އަހަރު މަރުވި ސްރީދޭވީ އަށް ވަނީ ޕަދްމާ ޝްރީ އާއި ނެޝަނަލް ފިލްމް އެވޯޑާއި ފިލްމްފެއާ އެވޯޑް ފަދަ ގިނަ އެވޯޑްތަކެއް ލިބިފަ އެވެ. އޭނަގެ މަރަށް މި މަހުގެ 24 ގައި ފަސް އަހަރު ފުރޭނެ އެވެ. ސްރީދޭވީ އަކީ ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރާއި މި އަހަރު ބޮލީވުޑަށް ތައާރަފުކުރާ ހުޝީ ކަޕޫރްގެ މަންމަ އެވެ.
އޭނާގެ ކެރިއަރުގައި ތަމަޅަ، ތެލެގޫ، މަލަޔާލަމް، ކަންނާޑާ އަދި ހިންދީ ބަހުން 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ 1978 ވަނަ އަހަރު ރިލީޒްކުރި "ސޮލްވާ ސާވަން" އިން ލީޑް ތަރީގެގޮތުގަ އެވެ.
ސްރީދޭވީގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "މޮމް" އެވެ. އޭނަގެ ކެރިއަރުގައި އައިކޮނިކް އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "މިސްޓަ އިންޑިއާ"، "ސަދުމާ"، "ޗާންދުނީ"، "ލަމްހޭ"، "ނަގީނާ"، "ހިންމަތުޗާލާ"، "ޗަލްބާޒް" އަދި "އިންގްލިޝް ވިންގްލިޝް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ސްރީދޭވީ އަކީ ބޮލީވުޑްގައި ހަމަ އެކަނި ރަސްކަން ކުރި އަންހެން ބަތަލާއެވެ. އޭނާ އަށް ބެލުންތެރިން ވަނީ ސްޕަސްޓާރެއްގެ ދަރަޖަ ދީފައިއެވެ.