ކަސްޓަމް އެމްބްރޮއިޑަރީ "މާ ބޮޑަށް" ރީތިކޮށްލަދިން ދެމަފިރިން!

ކަސްޓަމް އެމްބްރޮއިޑަރީ "މާ ބޮޑަށް" ރީތިކޮށްލަދިން ދެމަފިރިން!

ގުޅުންހުރި

ރާއްޖެއަކީ ވަސީލަތްތައް މަދު ޤައުމެއް ނަމަވެސް ދިވެހިންނަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކާ އެހާ ބީރައްޓެހި ބައެއް ނޫނެވެ. އެކި ދާރިއާތަކުން ދިވެހިން ކުރިއަރަމުންދާއިރު، މިއަދު ރާއްޖޭގައި ތަފާތު މެޝިނަރީތަކާއި ސޮފްޓްވެއަރތަކާއި މިނޫންވެސް ޒަމާނީ ޓެކްނޮލޮޖީއާ ގުޅުންހުރި މަސައްކަތްކުރާ އަދި އެ މަސައްކަތް ކުރިއަރުވަމުން އަންނަ ފަރާތްތައްވެސް މަދެއް ނޫންނެވެ.

އެގޮތުން ދިވެހި ދެމަފިރިން ކަމަށްވާ އައިޝަތު ޝަމްމަ މުޙައްމަދު (ޝަމްމަ) އާއި މުޙައްމަދު ނަޒްލީ (ނަޒްލީ) އަކީ ފާހަގަކޮށްލެވޭ މިފަދަ ތަފާތު ހިދުމަތެއް ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ދެމަފިރިންނެވެ.

ރާއްޖޭގައި އެމްބްރޮއިޑަރީގެ ޚިދުމަތްދޭ ވިޔަފާރިތައް ހުރި ނަމަވެސް، މި ދެމަފިރިން މި ވިޔަފާރި ކުރާގޮތް ތަފާތެވެ. "ނިރިސް އެމްބްރޮއިޑަރީ"ން ދޭ މި ޚިދުމަތަކީ "ސަޅި" ޚިދުމަތެކޭ ބުނެވިދާނެއެވެ.

ކީއްވެ "ސަޅި" ވަނީ؟
ރާއްޖޭގައި އެމްބްރޮއިޑަރީގެ ޚިދުމަތް ބޭނުންވާ މީހުންގެ އަދަދު މަދެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި މިމަސައްކަތަށް ބޭނުންވާ ވަސީލަތްތައް ވަރަށް މަދެވެ. އަދި ހާއްސަކޮށް ކަސްޓަމަރުން ބޭނުންވާ ވަކި ގޮތަކަށް ކަސްޓަމައިޒްޑް އެމްބްރޮއިޑަރީގެ ހިދުމަތް ދޭ ތަންތަން މަދުވެފައި، ދިވެހިން މިމަސައްކަތުގައި އުޅޭ މިންވަރު މަދެވެ.

ނަމަވެސް މިހާރު އެކަމަށް ހައްލެއް ހޯދައިދީ ރާއްޖޭގައި މުޅިން އަލަށް ކަސްޓަމައިޒްޑް އެމްބްރޮއިޑަރީގެ ހިދުމަތް ތަޢާރަފްކޮށް ރާއްޖެއިން ކުރިން ނުލިބޭ އެތައް ބާވަތެއްގެ އެމްބްރޮއިޑަރީ ހިދުމަތް ލިބޭނެގޮތް "ނިރިސް އެމްބްރޮއިޑަރީ" އިން ފަހިކޮށްދީފައި ވާކަމަށް ޝަމްމަ އާއި ނަޒްލީ ބުނެއެވެ.

ރާއްޖޭގައި އާންމުކޮށް އެމްބްރޮއިޑާރ ކުރަނީ ސްކޫލް ބެޖާއި ޓިޝާޓް ލޯގޯ ފަދަ ތަކެތި ނަމަވެސް ބޭނުން ކޮންމެ ޑިޒައިނެއް ނުވަތަ އާޓްވޯކެއް ކަސްޓަމްކޮށް ޑިޖިޓައިޒްކޮށްގެން އެމްބްރޮއިޑް ކުރުމުގެ ހިދުމަތް ލިބުމަކީ މި މަސައްކަތުގައި ނިރިސް އެމްބްރޮއިޑަރީ ހާއްސަވާ އެއް ސަބަބެވެ.

ނިރިސް އެމްބްރޮއިޑަރީން ވަނީ ރާއްޖެއަށް އަލަށް ތްރީޑީ ޕަފް އެމްބްރޮއިޑަރީވެސް ތައާރަފް ކޮށްފައެވެ. އެގޮތުން ނިރިސް އިން މިހާރު ތޮފީގައި ބޭނުން ޑިޒައިނެއް ތްރީޑީ ޕަފް އެމްބްރޮއިޑާރ ކޮށްދެއެވެ.

 

View this post on Instagram

 

A post shared by NirisS Embroidery (@niriss_emb)

ނިރިސް އެމްބްރޮއިޑަރީ ޚާއްޞަ ވަނީ ކީއްވެ ؟
ނިރިސް އެމްބްރޮއިޑަރީ އަކީ ރާއްޖޭގައި އެމްބްރޮއިޑަރީ ހިދުމަތްދޭ ފަރާތްތަކާއި މުޅިން ތަފާތު ކޮންސެޕްޓެއް ގެންގުޅޭ ބައެކެވެ. ކަސްޓަމަރުން ބޭނުންވާ ކޮންމެ ޑިޒައިނެއް އެމްބްރޮއިޑާރ ކޮށްދިނުމުގެ އިތުރަށް، ރާއްޖޭގައި އެމްބްރޮއިޑަރީ ހިދުމަތްދޭ އެހެން ވިޔަފާރިތަކަށް ވެސް އާޓްވޯކްތައް ކަސްޓަމްކޮށް ޑިޖިޓައިޒް ކޮށްދިނުމުގެ ހިދުމަތް ނިރިސް އެމްބްރޮއިޑަރީން އަންނަނީ ފޯރުކޮށްދެމުންނެވެ. އެހެންކަމުން އެމްބްރޮއިޑަރީ މެޝިން ގެންގުޅޭ އެހެން ފަރާތްތަކަށްވެސް "ނިރިސް އެމްބްރޮއިޑަރީ"ގެ ސަބަބުން އެތައް ލުއިފަސޭހަތަކެއް ވަނީ ވެފައެވެ.

ކިހިނެތް ފެށުނު ވިޔަފާރިއެއް؟

އެމްބްރޮއިޑަރީ އާއި ފެހުމުގެ މަސައްކަތަކީ ޝަމްމަ އަބަދުވެސް ކޮށްއުޅުނު މަސައްކަތެކެވެ. ޝަމްމަ ބުނި ގޮތުގައި އެއީ އޭނާގެ ޕެޝަނެކެވެ. މި މަސައްކަތް ފުޅާވެ ވިޔަފާރިއަކަށް ބަދަލުވީ ކޯވިޑް 19ގެ އާލަމީ ވަބާގެ ސަބަބުން، އެހެން ދިވެހިންނެކޭ އެއްގޮތަށް މި ދެމަފިރިންނަށްވެސް މާލީގޮތުން ދިމާވި ދަތިތަކުގެ ތެރެއިން ނަޒްލީ މުސާރައަށް އަސަރުކުރި ހިސާބުން ފެށި މަސައްކަތުންނެވެ. ޝަމްމަ ފުރަތަމަ އުފައްދަން ފެށީ އެމްބްރޮއިޑާރ ކޮށްފައި ހުންނަ މާސްކެވެ. އޭނާ ބުނީ އޭރުގެ ޑިމާންޑަށް ބަލައި ކުރި މި މަސައްކަތުގައި ފަސްހާހަށްވުރެ ގިނަ މާސްކު އުފެއްދި ކަމަށެވެ.

މަސައްކަތަށް ލިބުނު ތަރުހީބާއި ޑިމާންޑުގެ ސަބަބުން ދެމަފިރިން އެކުގައި މި މަސައްކަތް އިތުރަށް ދިރާސާކޮށް ދަސްކުރަން ފެށިއެވެ. އެގޮތުން އެމްބްރޮއިޑް ކުރާ ކަސްޓަމައިޒްޑް އާޓްވޯކްތައް ޑިޖިޓައިޒް ކުރުމުގެ ތަމްރީން ތައްވެސް ހޯދިއެވެ.

ވިޔަފާރި ފުޅާކުރަން ދެމަފިރިން ބޭނުންވެފައި ތިބި ދަނޑިވަޅުގައި ބޭންކް އޮފް މޯލްޑިވްސް އަން އިއުލާން ކުރި، އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަ ބިޒްނަސް ގްރާންޓްގައި ބައިވެރިވިއެވެ. ދެމަފިރިން ކުރި މިންނެތް މަސައްކަތުން މި ގްރާންޓް ކާމިޔާބުކުރިއެވެ.

ޝަމްމަ އާއި ނަޒްލީ ބުނީ ކަސްޓަމް އެމްބްރޮއިޑަރީ ގެ ހުރިހާ ހިދުމަތަކާއި، ރާއްޖެއަށް މުޅިން އައު އެތައް ބައިވަރު ހިދުމަތްތަކަކާއިއެކު ނިރިސް އެމްބްރޮއިޑަރީގެ ފިހާރައެއް މާލޭގައި ދާދި އަވަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ޝަމްމަ އާއި ނަޒްލީ އެކުގައި އުޅޭތާ މިހާރު 16 އަހަރު ވެފައި ވާއިރު އެ ދެމަފިރިން އެކުގައި ކުރާ މި ދަތުރަކީ ނަމޫނާ ދަތުރެކެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ދިރިއުޅުން ކޮޅަށް ޖަހައި އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަށް ދިއުމުގައި މި ދެމަފިރިން ދައްކަމުން މިދަނީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ