މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ، ލޭ އޮހޮރުވާލައިގެން ނަމަވެސް ސަރުކާރުން ބަދަލުކުރުމަށް ގޮވާލި، އޭނާގެ ޓުވިޓަރ ހޭންޑްލް ޓުވިޓަރއިން ސަސްޕެންޑް ކޮށްފިއެވެ.
ރައީސް ސާލިހުގެ ސަރުކާރު ލޭ އޮހޮރުވާލައިގެން ނަމަވެސް ބަދަލުކުރުމަށް ގޮވާލި ޓުވިޓަރ ހޭންޑް ސަސްޕެންޑް ކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ނަފްރަތު އުފެއްދުމާއި ދެކޮޅަށް ޓުވިޓައިން ވަރަށް ހަރުކަށި ސިޔާސަތެއް އެކުލަވާލާފަ އޮވެއެވެ. އެގޮތުން ލޭ އޮހޮރުވުމާއި އަދި ޓެރަރިޒަމް އަމަލްތަކަށް ހިތްވަރުދޭ އެކައުންޓުތައް އެ ސިޔާސަތުގެ ދަށުން ދާއިމީކޮށް ސަސްޕެންޑް ކުރެވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކައުންސިލްގެ ތަރުޖަމާން ޝިއުނާ މި ފެބްރުއަރީމަހުގެ 2ވަނަ ދުހުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބަޔަކު ވަރަށް ހަރުކަށިކަމާއެކު ނިކުމެ މި ވެރިކަން ނިންމަން ވެއްޖެ ކަމުގައެވެ. އަދި އެތައް މުސްލިމުންނެއްގެ މައްޗަށް ރައީސް ސާލިހު އަނިޔާވެރި ވަމުންދާކަމަށް ބުނެ، ރައީސް ސާލިހު ހަމަ ބިމަށް ތިރިކުރަން ޖެހިފައިވާކަމަށްވެސް އޭނާގެ ޓުވީޓުގައި ބުނެފައެވެ.
ލޭ އޮހޮރުވުމަކުންވެސް ބަދަލު ކުރަން ވެއްޖެ.
ޓުވީޓު ކުރަން ތިބެގެން ވާން ނެތްކަމަށް ބުނަމުން ޝިއުނާގެ ޓުވީޓުގައި އޭނާ ލިޔެފައި ވެއެވެ.
މި ޓުވީޓަށް ފަހުން ގިނަ ބައެއް ފާޑުކިޔުން އަމާޒުވާން ފެށުމާއެކު އޭނާވަނީ މި ޓުވީޓު ޑިލީޓް ކޮށްފައެވެ. އަދި އޭނާ ބައެއް މީހުންނަށް ރަށްދު ދެމުން ކޮށްފައިވާ ބައެއް ޓުވީޓުތަކުގައި ވަނީ އެ ޓުވީޓު ކުރެވުނީތީ މާފަށްވެސް އެދިފައެވެ.
އެހެންނަމަވެސް އޭގެ ފަހުންވެސް އޭނާވަނީ ޓުވިޓަރގައި އެ މޭރުމުން ބައެއް ފަރާތްތަކަށް ރައްދީ ޓުވީޓުކޮށް ހަދާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާން، ލޭ އޮހޮރުވާލައިގެން ނަމަވެސް ސަރުކާރުން ބަދަލުކުރުމަށް ގޮވާލި މައްސަލަ ފުލުހުންވެސްވަނީ ބަލަން ފަށާފައެވެ.
ފުލުހުންގެ ތަރުޖަމާން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި "ނަންނަޒީވް"ގެ ނަމުގައި އިންނަ ޓުވިޑަރ ހޭންޑްލްއަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަވަނީ އެ އިދާރާގެ ސަމާލުކަމަށް އައިސްފައެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ.
ފާޅުގައި ލޭ އޮހޮރުވަން ގޮވާލުމަކީ ޓެރަރިޒަމްގެ ގާނޫނުން މަނާކޮށްފައި އޮންނަ، އަދި ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައި އޮންނަ ކުށެކެވެ.
One Response
ޖަލައް ގަޅާލާ.. އިންސާފު ގާއިމު ކުރޭ.. ފާޅުގައި ފަސާދަ އަށް ގޮވަނީީ.. ހަތްޔަރު ކުރޭ..