ވައްކަމާއި ކޮރެޕްޝަނަކީ ދެފަރާތު ދެމެދު ސޮއި އެލުމަކުން ނިމޭނެ ކަމެއްނޫންކަމަށާ، މޫނަކަށްނުބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސައުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަހުޖަނުންގެ ނުފޫޒައް ބެލުމެއްނެތި ޒިންމާ އުފުލަން ހަވާލުވެފަ ތިބިމީހުން ޒިންމާ އަދާ ކުރުން މުހިންމުކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކީއްވެގެން ކޮން ކަމަކަށް އަމާޒުކޮށްކަމެއް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ސަރުގެ ތެރެއިން ބައެއް ފަރާތްތަކުން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ސައުދު އަންނަނީ ފަހަކަށްއައިސް ވަރަށް ބޮޑަށް ވާހަކަފުޅުދައްކަވަމުންނެވެ. ސައުދުއަކީ ރައީސް ޞާލިޙަށް ތާޢީދުކުރައްވައި ދާދިފަހުން ނިމުނު އެމްޑީޕީ ޕްރައިމެރީގެ ރައީސް ޞާލިޙްގެ ކެމްޕެއިންގައިވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.
ވައްކަމާއި ކޮރެޕްޝަނަކީ ދެފަރާތު ދެމެދު ސޮއި އެލުމަކުން ނިމޭނެ ކަމެއްނޫން' މޫނަކަށްނުބަލައި , މަހުޖަނުންގެ ނުފޫޒައް ބެލުމެއްނެތި, ޒިންމާ އުފުލަން ހަވާލުވެފަ ތިބިމީހުން ޒިންމާ އަދާ ކުރުން މުހިންމު.
— Saudulla Ahmed (@saudullaahmed1) February 2, 2023
ޖުމްހޫރީ ޕާޓީގެ ބައެއް ކަންކަމާއި ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއާ ސައުދުގެ ޚިޔާލު ތަފާތުވެ ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއް އުޅޭކަމަށް މަޢުލޫމާތުލިބިފައިވެއެވެ. އޭނާ ޑެޕިއުޓީ މިނިސްޓަރަކަށް ޢައްޔަންކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެހެންނަމަވެސް ދާދިފަހުން ސައުދުވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ޖުމުހޫރީ ޕާޓީން ވަކިވުމަށް އެދި އޭނާ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހީމަށް ފޮނުއްވި ސިޓީގައި ވަނީ އެޕާޓީގެ ކައުންސިލުންނާއި އަދި ޕާޓީގެ މެމްބަރުކަމުންވެސް ވަކިވުމަށް ބޭނުންވާތީ ދަފްތަރުން އޭނާގެ ނަން އުނިކޮށްދެއްވާ އަދި އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވާ ދެއްވުމަށް އެދޭކަމަށް ދަންނަވާފައެވެ.
ސައުދުއަކީ ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރެއްވެސް މެއެވެ. އޭނާ ޖުމުހޫރީއާއި ގުޅިވަޑައިގެންފައިވަނީ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ.
އެހެންނަމަވެސް މިސަރުކާރުގައި އޭނާވަނީ އުވާލާފައިވާ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަންކަން ކުރައްވާފައެވެ. އެއަށްފަހު އޭނާ މަސައްކަތް ކުރައްވާފައިވަނީ ރީޖަނަލް އެއަރޕޯޓްސްގައެެވެ. ސައުދު މިހާރު ހުންނެވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމްގައެވެ.
ކޮމެންޓު ފޮނުވާ