ސަރުކަރުގެ އޮފީސްތަކަށް ޚާއްސަ ކޮށްގެން މިސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި އޮފީސް އިމާރާތް ބޭނުން ކުރަން ފަށައިފިއެވެ. މިއިމާރާތަކީ ޗައިނާގެ ކުންފުންޏަކާއި ހަވާލު ކޮށްގެން އަޅާފައިވާ އޮފީސް އިމާރާތެކެވެ. މި އިމާރާތް ބިނާ ކޮށްފައިވަނީ 6 ފަންގި ފިލާއަކަށެވެ.
މި އިމާރާތަށް ނަން ދީފައިވަނީ 50 އަހަރު ގައުމީ ޚިދުމަތުގައި ދެމި ހުންނެވި، އަދި ރާއްޖޭގެ އުމްރާނީ ތަރައްގީގައި ބޮޑު ހިއްސާއެއް ވެވަޑައިގެންފައިވާ އަލްމަރްހޫމް ނ.އ.އ.ވ އުމަރު ޒާހިރުގެ ނަންފުޅަށެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ ބައެއް އޮފީސްތައް އެ ޢިމާރާތަށް ބަދަލުކުރަން ނިންމައި އެ އޮފީސްތަކުގެ ފަރުނީޗަރާއި އެހެނިގެން ތަކެތި އައު ހުޅުމާލޭ އޮފީސް ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިދިޔަ މަހުން ފެށިގެން ކުރަމުން އަންނަ މިމަސައްކަތް މުޅިން ނިމި، މި މަހު 15ގައި އާއިމާރާތް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ޕްލޭނިން މިނިސްޓްރީން ކުރިން ހާމަ ކޮށްފައި ވެއެވެ.
މިއީ މިހާރު ސަރުކާރުގެ ބައެއް އޮފީސްތައް އަމިއްލަ މީހުންގެ ޢިމާރާތްތަކުގައި ކުއްޔަށް ހިންގަމުންއަންނާތީ އަދި އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އެމައްސަލަ ޙައްލުކުރުމުގެގޮތުން ސަރުކާރުން ޢިމާރާތްކުރި އޮފީސް ޢިމާރާތެކެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނިންމަވައިގެން ހުޅުމާލޭ ފޭސް އެެކެއްގައި މިޢިމާރާތް ކުރީ 185 މިލިއަން ރުފިޔާ ހޭދަކުރައްވައިގެންނެވެ. މިއިމާރާތުގެ މަސައްކަތް ޗައިނާގެ ހުނާން އިންޖީނިއަރިންއާ ޙަވާލުކުރީ ހަވާލުކުރީ 2019 ވަނަ އަހަރުއެވެ.