އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވަރކްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވާރކްގެ އެއްބަސްވުމުގެ ދަށުން، އޮލިމްޕިކް ސްޓޭޑިއަމް ޕްރޮޖެކްޓްގެ ފީސިބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިނޭންސް ހޯދުމުގެ މަސައްކަތް ޗައިނާގެ މެޝިނަރީ އިންޖިނިއަރިންގ ކުންފުނިން ކުރާނެއެވެ. މިސްޓޭޑިއަމްގައި 20،000 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭނެ ޖާގައާއި ސިންތެޓިކް ރޭސް ޓްރެކަކާއި ފުޓްބޯޅަ ދަނޑާއި އެހެނިހެން ކުޅިވަރު ޙަރަކާތްތަށް ބޭއްވުމަށް ޚާއްސަޖާގައެއް ހިމަނާފައިވެއެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވަރކް އެއްބަސްވުމަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި ޗައިނާގެ މެޝިނަރީ އިންޖިނިއަރިންއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫގެވެ. އަދި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ރިޕްރެޒެންޓޭޓިވް މިސްޓަރ ލިއު ޖައިއޯޑާއެވެ.
މިއީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި އަޅާ ނިންމާފައިވާ އިންޓަރނޭޝަނަލް ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމެކެވެ.