އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލްސްތީނުގެ 9 މީހަކު ޝަހީދު ކޮށްލައިފިއެވެ. މިއީ ފާއިތުވެދިޔަ އަހަރުން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާން ފަށާފައިވާ އަސްކަރީ ހަރަކާތްތައް އިތުރު ކުރިފަހުން، ފަލަސްތީނުގެ އެންމެ ގިނަ އަދަދެއްގެ މީހުން ޝަހީދުވި ދުވަހެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ޖެނީން ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން ހިންގާފައިވާ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ އިތުރު 20 މީހެއްގެ ގަޔަށް ވަޒަން އަރާ ޒަޚަމް ވެފައި ވާކަމުގައެވެ. އޭގެ ތެރެއިން 4 މީހެއްގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް ހެލްތު މިނިސްޓްރީން ރިޕޯޓު ކޮށްފައި ވެއެވެ.
ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ މި ހަރަކާތްތައް ސިފަ ކޮށްފައިވަނީ ހިންގާފައިވާ ގަތުލުއާންމެއްގެ ގޮތުގައެވެ.
އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި މިއަދު ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކުވެސް ހިމެނޭކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
މިހަލާއަށްފަހު ޖެނިން ރެފިއުޖީ ކޭމްޕު ދޫކޮށް ދިއުމަށްފަހު އިސްރާއީލު ސިފައިން ބުނެފައިވަނީ މުސްކުޅި އަންހެނަކު މަރުވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާތީ އެކަން ބަލަމުން ދާކަމުގައެވެ.
ފަލަސްތީނުގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ ފަތަހު ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ އަލް އަޤްސާ މާޓިއާސް ބްރިގޭޑްއިން ބުނެފައިވަނީ ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އެ ޖަމާއަތުގެ މީހަކު ހިމެނޭ ކަމުގައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންތައް ދަނީ ހޮސްޕިޓަލަށް ގެންނަމުން ކަމަށާއި، އަދި އެމްބިއުލާންތަކަށާއި، ސިއްޙީ އެހީތެރިންނަށް އިސްރާއީލު ސިފައިން ހުރަސް އަޅަމުންވެސް ދާކަމުގައެވެ.
އިސްރާއީލު ސިފައިން ހޮސްޕިޓަލާއި ދިމާލަށް ކަރުނަގޭސް ފޮނުވުމުގެ ސަބަބުން ހޮސްޕިޓަލުގެ ކުޑަކުދިން ވާޑަށް ކަރުނަ ގޭހުގެ އަސަރު ކޮށްފައިވާކަމަށްވެސް ޖެނިން ބަޕްލިކް ހޮސްޕިޓަލްގެ އިސް ފަރާތް ކަމުގައިވާ ވިސާމް ބަކުރު މީޑިއާތަކަށް މައުލޫމާތުދެމުން ވިދާޅުވެފައި ވެއެވެ.
އިސްރައީލުން ދީފައިވާ ހަމަލާތަކުގައި ފާއިތުވި 2022 ވަނަ އަަހަރު އެކަނިވެސް ފަލަސްތީނުގެ 170 މީހަކު ޝަހީދުވެފައި ވެއެވެ. މީގެތެރެއިން ގިނަ މީހުންނަކީ އާންމު ރައްޔިތުންނެވެ.