ފަންނުވެރި ދިވެހިންނަށް ފުރުސަތު ނުދީ ގައުމެއް ބިނާކުރަން އުޅުނަސް އެކަން ނުވާނެ ކަމަށާއި އެއީ ގައުމުގެ ތަރައްގީ އަށް އެޅޭ ހުރަހެއް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕޭނުން އިންތިޒާމް ކޮށްގެން ޒުވާނުންނަށް ޚާއްސަ ކޮށްގެން ރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ޖަލުގައި މާ ކުދިން މާ ގިނަވެއްޖެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ދޭތެރެ ދޭތެރެއިން ޖަލު އިންސްޕެކްޓު ކުރަން ދާކަމުގައެވެ. އަދި ވިދާޅުވީ އެތަނުގެ އާބާދީ ވަރަށް ބޮޑުވެއްޖެ ކަމުގައެވެ.
މިގޮތުން ޖަލަށް ލާފައިވާ ހުރިހާ ކުދިންނަށް އާ ހުނަރު ހޯދައިދީ، އިތުރު ހުނަރުތައް އެމީހުންނަށް ދަސްކޮށްދީ އެމީހުން މުޖުތަމައުއަށް ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ނަޝީދު ވިދާޅުވިއެވެ.
ޑްރަގް އެޑިކްޓުންނަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ ބައްޔެއް. ފަރުވާއަށް ބޭނުންވާ ކަމެއް. އެކަމަށް ފަރުވާއެއް ހޯދައިދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ. ބަރާބަރަށް ހިންގާ ދެވަނަ ފުރުސަތުގެ ޕްރޮގްރާމެއް ހިންގަން ޖެހޭނެ.
ޖަލަށް ލާފައިވާ މީހުންނަށް އަމާޒުކޮށް ދެވަނަ ފުރުސަތުގެ ޕްރޮގްރާމެއް ހިންގަވާނެކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ރިހިބިލިޓޭޝަންގެ ފަރުވާ ނިމުމަށްފަހު އެ މީހުން މުޖުތަމައަށް ނެރެ، އެމީހުންނަށް ދެވަނަ ފުރުސަތެއް ދޭން ޖެހޭ ކަމުގައެވެ. އަދި ވިދާޅުވީ ފަންނުވެރިންނަށް ފުރުސަތު ނުދީ ގައުމެއް ބިނާ ނުކުރެވޭނެކަމުގައެވެ. ސަބަބެއް ކަމުގައި ނަޝީދު ވިދާޅުވީ ގައުމެއްގެ އާބާދީގެ 30 އިންސައްތަ ބާކީ ކޮށްފަ ކުރިޔަށް ނުދެވޭނެތީ ކަމުގައެވެ.
ޖަލަސް ހުކުމް ކުރާ މީހުންނަށް ދެވަނަ ފުރުސަތުގެ ޕްރޮގްރާމެއް ހިންގުމަކީ ނަޝީދުގެ ވެރިކަމުގައިވެސް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެހެންނަމަވެސް އޭރު ހިންގި ދެވަނަ ޕްރޮގްރާމްގެ ތެރެއިން، އޭރު ޖަލަށް ލާފައިވާ ބޮޑެތި ކުށްވެރިން މިނިވަންވެ މުޖުތަޢުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.
އަދި ސިޔާސީ ބޭނުމަށް އޭރު އެ ޕްރޮގްރާމްގެ ތެރެއިން ސިޔާސީ ބޭނުމަށް ބޮޑެތި ކުށްވެރިން ދޫކޮށްފައިވާ ކަމުގެ ތުހުމަތުވެސް ކުރެވިފައި ވެއެވެ.
ކޮމެންޓު ފޮނުވާ