ތިމާފާޅުކުރާ ޚިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އއ.އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޙާތަބް ކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ ވެރިކަމަށް އައިއިރު ޚިޔާލް ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި އޮތްނަމަވެސް، މިހާރު އެމިނިވަންކަން ދޫކޮށްލާފައިވާކަމަށެވެ. ނަމަވެސް ޚިޔާލް ފާޅުކުރުމުގެ މިނިވަން ކަމަކީ އެއްވެސް ހާލެއްގައި އެހެން މީހުންނަށް އޭގެ އުދަނގޫ ވާހެން ކުރަންޖެހޭ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ޚިޔާލްފާޅު ކުރުމާއި، ޝުއޫރު ފާޅުކުރުމާއި، އެއްވެ އުޅުމަކީ ވެރިކަމަށް އައިއިރު ބޮޑު ބިރެއްގެ ގޮތުގައި އޮތްކަމެއް. އެހެން ނަމަވެސް 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހުގައި އެއްވެސް ކަހަލަ ހުރަހެއްނެތި ޚިޔާލްފާޅު ކުރުމުގެ މިނިވަންކަން ނޫސްވެރިކަމުގެ މިނިވަންކަން އެއްވެ އުޅުމުގެ މިނިވަންކަން ދޫކޮށްލީ. އެހެން ނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަންޖެހޭނެ. ތިމާފާޅުކުރާ ޚިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮސްސިއްޔާ ދެން ޖެހޭނީ އެއާއި ދޭތެރޭގައި ވެރިކަމުގަ ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް އެމަންޒަރު ބައެއްފަހަރު ފެނޭ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިޔާލްފާޅުކޮށް އެއްވެ ހަދާއިރު އެހެން މީހުންނަށް އެކަން ކުރެވޭނެ ޖާގަ އޮންނަންޖެހޭކަމަށެވެ. ސަރުކާރުން އެއްވެގެން އުޅެގެން އެކަމެއް ނުހުއްޓުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެއްވެސް ހާލެއްގައި އެއްވެ އުޅުން މަނާކުރާކަށް އަޅުގަނޑު ނެތިން. ޚިޔާލްފާޅު ކުރުން ހުއްޓުވާކަށްވެސް ނެތިން. ޝުއޫރު ފާޅުކުރަންވީ. އެހެން ނަމަވެސް އެއީ ދެންތިބި މީހުންނަށް ދުއްތުރާއަކަށް ވެގެން ނުވާނެ. ކުރިއަށް ގެންދަވަންވީ އެބޭފުޅުންވެސް އަޑުއަހަން އަޅުގަނޑުމެންނަށް ކެރޭނެ. ހުއްޓުވާކަށްވެސް ނެތިން އެކަމަކު އެހެން މީހުންވެސް ހަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު، އެމަނިކުފާނު ޕްރައިމަރީގެ ކެމްޕެއިނަށް ވަޑައިގަންނަވާ ގިނަރަށްތަކުގައި މުޒާހަރާކޮށް އަޑު އުފުލަމުންދެއެވެ.