ދައުލަތުގެ ބައެއް ވަޒީރުން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށްފަހު މަގުމަތި ވެދާނެކަމަށް ވިދާޅުވަމުން ގެންދަވަނީ އެބޭފުޅުންގެ ވަޒީރުކަން ގެއްލިދާނެތީކަމަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ބޭއްވުނު ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ސަރުކާރުގައި ތިބި 1،000 މީހުންގެ ޕާޓީއެއް ނޫން ކަމަށާއި، އެއީ އެއަށްވުރެ ބޮޑު ޕާޓީއެއް ކަމުގައެވެ. އަދި ވިދާޅުވީ އެންމެ އެއްހާސް މީހުންގެ ވަޒީފާ ގެއްލިދާނެތީ ކަމެއް ކުރާން ނުކެރި ތިބެއްޖަނަމަ އެއީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި އެއްލައްކަ މީހުންނަށް ވެވޭ ވަރަށްބޮޑު ބޭއިންސާފެއް ކަމުގައެވެ.
ވަޒީރުބޭފުޅުންގެ ވަޒީފާތައް ގެއްލިދާނެ، އާދެ، އެއީ ރިސްކެއް. އަދި އެމްޑީންތަކާއި އަދި ސީއީއޯއިންނާއި ދެން އެހެން ކިޔުއްވާ، ޑީއެމްޑީންނާއި، އަލްފަބެޓުގައި ހުރި ހުރިހާ އަކުރަކުން އެބަ ކިޔާ. އެއީއެއް ނޫން ހިމާޔަތް ކުރަންވެގެން މިއުޅޭ އެއްޗަކީ. ވަޒީރެއްގެ މަގާމެއް އަޅުގަޑުމެން ހިމާޔަތްކުރާކަށް ނޭދެން. އެއްވެސް ބޭފުޅެއްގެ މަގާމެއް ހިމާޔަތް ކުރާކަށް ނޫން އަޅުގަޑުމެން މިއުޅެނީއެއް. އަޅުގަޑުމެން މިއުޅެނީ ރައްޖޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދާ ދިނުމަށް.
ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ހާޒިރުވި މި ޖަލްސާގައި ވާހަކަ ދައްވަމުން ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަބަދުގެވެސް އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމުގައެވެ.
ރޭ "ފިކުރެއްގެ ދިރުން" ކެމްޕޭން އިވެންޓެއް މާލޭގައި ބާއްވާފައިވާއިރު، ފާއިތުވެދިޔަ ހަފްތާގައި ނަޝީދުވަނީ ހުވަދޫ އޮތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ. ކުރިޔަށްދާ ޕަރައިމަރީގެ ކެމްޕޭންގައި މިއަދު ނަޝީދު ވަޑައިގެންނެވުމަށް ހަމަޖެފައިވަނީ އައްޑޫ ސިޓީއަށެވެ.