ދެން ތިނަދުއަށް އަންނާނީ، މިރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު: ރައީސް

ދެން ތިނަދުއަށް އަންނާނީ، މިރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު: ރައީސް

Author
ޢަލީ އާދަމް
22 ޖެނުއަރީ 2023 01:15
0

ގދ.ތިނަދޫގެ ތަރައްޤީއަށް މިސަރުކާރުން މަސައްކަތްކުރަނީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ވިސްނުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނަށް ގދ.ތިނަދުއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެން އެމަނިކުފާނު ތިނަދުއށް ވަޑައިގަންނަވާނީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށްފަހުކަމަށެވެ. މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތިނަދޫގެ ތަރައްޤީއަށް މިސަރުކާރުން ގިނަ މަޝްރޫޢުތަކެއް ރާއްވަވާފައި އެބަހުރިކަމަށެވެ. އެއީ އެރަށަކީ ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ކަންކަން ފުރިހަމަކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ތިނަދޫގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ފަށައިގެން ކުރިއަށްދާކަމަށާއި، ތިނަދޫ ކައިރީގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީކުރުންވެސް އެބައޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ބަރާބަރު ސިޓީއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ތިނަދޫގައި ނިންމަވާނެކަމަށާ، ތިނަދޫގެ މިޙާރުގެ އަބާދީގެ ޢަދަދާއި އެހެނިހެން ކަންކަން އޮޅުންފިލުވަން މިހާރު ކައުންސިލުގައި އެދިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިޔާ މި އިންތިޚާބަށްފަހު މާލަސްތަކެއް ނުވެ ތިނަދޫ ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ތިނަދުއަށް ވަޑައިގަންނަވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.