ނަޝީދު މާދަމާ އައްޑުއަށް ވަޑައިގަންނަވަނީ

ނަޝީދު މާދަމާ އައްޑުއަށް ވަޑައިގަންނަވަނީ

Author
ހުސެއިން
22 ޖެނުއަރީ 2023 09:04
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕޭނުން ހާމަ ކޮށްފައިވާ ގޮތުން، ކެމްޕޭނަށް ނަޝީދު އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 24ގެ ނިޔަލަށެވެ.

މާދަމާ ނަޝީދު އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ފާއިތުވެދިޔަ ހަފްތާއިން ފެށިގެން ނަޝީދު ދަތުރު ކުރައްވަމުން ގެންދަވަނީ ހުވަދޫ އޮތޮޅުގެ ރަށްތަކަށެވެ. މިގޮތުން މި ދަތުރުފުޅުގައި ނަޝީދުވަނީ ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ.

މިމަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމަރީގައި މާދަމާ ނަޝީދު އައްޑުއަށް ވަޑައިގަންނަވާއިރު، ރައީސް ސާލިހުވަނީ މިމަހުގެ 13 އިން 15 އަށް އައްޑުއަށް ވަަޑައިގެންފައެވެ. އަދި ރައީސް ސާލިހު މިހާރު ދަތުރު ކުރައްވަމުން ގެންދަވަނީ ފުވައްމުލަށް އަދި ހުވަދޫ އޮތޮޅުގެ ރަށްތަކުގައެވެ.

އައްޑޫ ދަތުރަށްފަހު، ނަޝީދުގެ ކެމްޕޭނުން ޒުވާނުންނަށް އަމާޒުކޮށް ބާއްވާ ޚާއްސަ ހަރަކާތެއް 25 ޖެނުއަރީ 2023 ވާ ބުދަ ދުވަހުގެ ރޭ 20:15 ލޮނުޒިޔާރަތް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަޝީދުވަނީ މީގެ ކުރިން އުތުރުގެ ބައެއް އަތޮޅުތަކަށް ދަތުރު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.