ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއްކަމަށެވެ. ޙައްޤުބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިންކަމަށެވެ. އޭގެ ބަދަލުގައި ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫންކަމަށެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ ކީއްވެގެން ކާކަށް އަމާޒުކޮށްކަމެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް މިއީ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒަށް އަމާޒުކުރެއްވި ބަސްފުޅެއްކަމަށް ބެލެވެއެވެ.
ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫން. އިސްލާމްދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއް. ޙައްޤުބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 21, 2023
މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ ބައެއް ސަލަފުއްޞާލިޙުންގެ ކިބައިން ވާރިދުވެގެންވާގޮތުގައި ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެއްކަމުގައެވެ.
ޑރ.އިޔާޒް ބައެއްކަމާ ގުޅޭގޮތުން ޚާއްސަކޮށް ސިޔާސީ ބޭބޭފުޅުންނާ ގުޅުވައިގެން ކުރައްވާ ޓްވީޓުތަކާއި ދައްކަވާ ވާހަކަފުޅުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަރަށްބކޮޑަށް ފާޑުކިޔައެވެ. މި ފާޑުކިއުންތަކާ ގުޅިގެން ކުރެއްވި ޓްވިޓެއްގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ ބައެއް ސަލަފުއްޞާލިޙުންގެ ކިބައިން ވާރިދުވެގެންވާގޮތުގައި ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެއްކަމަށެވެ. އަދި ބާޠިލް ދިފާޢުކުރާ މީހާއަކީ ވާހަކަދައްކާ ޝައިޠާނެއްކަމަށާ، އެހެންކަމުން, ބަޔަކު މީހުން ކިތަންމެ ރުޅިއަޔަސް, ކިތަންމެ ޖެއްސުމެއް ކުރިޔަސް, ޙައްޤު ބަޔާންނުކޮށް، ތިބުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫންކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.
ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މިއުއްމަތުގެ މީހުން ކުރަންޖެހޭ ކަމެއްކަމަށާ، "މީސްތަކުންނަށް މުންކަރާތެއް ފެނި އެކަން މަނާނުކޮށް ތިބެއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމުވެގެންދާ ފަދަ ޢިޤާބެއް ފޮނުއްވުން ގާތް" ކަމަށް ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުގެ މާނާގައިވާކަމަށްވެސް ޑރ.އިޔާޒް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މުންކަރާތެއް ފެނިއްޖެނަމަ އަތުން މަނާކުރުމާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ދުލުން މަނާކުރުމަށާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ހިތުން މަނާކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށާ، އެއީ އީމާންކަމުގެ އެންމެ ދަަށުދަަރަޖަކަމަށްވެސް ޑރ.އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ.އިޔާޒަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ވަރަށްގިނައިން ފަޑުވިދަޅުވާ ބޭފުޅެކެވެ. އަދި އެދެބޭފުޅުން ވެރިކަމަށް ވަޑައިގަތަ ނުދޭން މަސައްކަތްކުރައްވައި އެކަމަށް ކެމްޕެއިންވެސް ކުރައްވައެވެ.
ކޮމެންޓު ފޮނުވާ