ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ރެނެސް އާއި ދެކޮޅަށް ނުކުންނައިރު ގުރޫޕްގައި ޗެލްސީގެ މަގާމު ދަމަހައްޓަން ޖެހޭކަމަށާއި މުބާރާތުގައި ޓީމުން ދައްކަމުންދާ ރަނގަޅު ކުޅުން ދަމަހައްޓަން ޖެހޭކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަންޕާޑް ބުނެފިއެވެ.
މުބާރާތުގައި މިހާތަށް ކުޅުނު މެޗުތަކުގައި ނެރުނު ނަތިޖާ ތަކުގެ ސަބަބުން ޗެލްސީ އޮތީ ރަނގަޅު ހާލަތުގައި ކަމަށާއި މިހާރު ފަސްއެނބުރި ބެލެން ނެތްކަމަށް ވެސް ލަންޕާޑުބުންޏެވެ. މިރޭ ރަށުންބޭރުގައި ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަ ދައްކުމުން ލަންޕާޑު ބުނީ ރެނެސްއަކީ ވަރުގަދަ ޓީމެއްކަށާއި، ޗެލްސީ ދަމަހައްޓަމުން އަންނަ ރަނގަޅު ފޯމްގައި މިމެޗަށް ތައްޔާރުވާންޖެހޭ ކަމަށެވެ.
ލަންޕާޑު ބުނީ މިވަގުތު ވިސްނުން އޮތީ މިމެޗަށްކަމަށާއި މެޗަށްފަހު ހަފްތާ ބަންދުގައި އޮތް ޓޮޓްނަމް މެޗަށް ތައްޔާރުވާނެކަމަށެވެ. އޭނާ ބުނީ ސީޒަން ފެށުނުއިރު ޓީމަށް ދިމާވި ޑިފެންސިވް މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިއްޖެކަމަށާއި މިހާރު އެކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
" އަހަރެން މިމެޗުގައި ވެސް ބައެއް ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދޭނަން، ލީގުގައި ވެސް ކުރިޔަށް މުހިންމު މެޗުތަކެއް އެބަހުރި، ބޭނުންވަނީ މޮޅަކާއެކު މުބާރާތުގެ ނޮކައުޓް ބުރުން ހަމެޖިހިގެން ތިބެ ޔަގީންކުރަން"
– ކޯޗު ލަންޕާޑް
ލަންޕާޑު ބުނީ ރެނެސް އަތުން މޮޅުވެގެން މުބާރާތުގެ ނޮކައުޓް ބުރު ޔަގީންކުރަން ބޭނުންކަމަށާއި ކުރިއަށް ޝެޑިއުލްގައި ގިނަ މެޗުތަކެއް ހުރުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތުދޭން ބޭނުންވާކަމަށެވެ. ސްކޮޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން ނަތީޖާ ތަކަށް އަސަރު ނުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޗެލްސީގެ ކޯޗު ބުނިއެވެ.
މިރޭގެ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ގަދަސޯޅައަށް ދިޔުމުގެ ފުރުސަތު ޗެލްސީއަށް އޮންނާނެއެވެ.