ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގެ މުވައްޒަފުންތަކެއް އަނިޔާކޮށްފައިވާ މައްސަލާގައ ި11 މީހެއްގެ މައްޗަށް ދަޢުވާކުރަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ގުޅޭ ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ކުރިއަށްގެންދާ އިންކުއަރީގެ މަސައްކަތުގެ ތެރެއިން، 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގެ މުވައްޒަފުންގެ ފަރާތުން އެކިއެކި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިވާ މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުން އަނިޔާވެރި ޢަމަލުތަކެއް ހިންގާފައިވާ މައްސަލަ ޖުލައި
2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކުރެވިފައިވީނަމަވެސް، މިހާތަނަށްވެސް މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައިނުވާކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށް ރިޔާސީ ކޮމިޝަނުން ބުނެއެވެ.
އެގޮތުން، ވީ އެންމެ އަވަހަކަށް މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން، މި ކޮމިޝަނުގެ ފަންނީ ލަފައާއި އިރުޝާދާއި މަޝްވަރާގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި މައްސަލައިގެ ތަޙުޤީޤު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ދަޢުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް، 2020 އޮކްޓޫބަރު 11 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނެރުއްވާފައެވެ.
-ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ގުޅޭ ކޮމިޝަން
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ބެހޭ ކޮމިޝަނުން ބުނީ މިމައްސަލައިގެ ތަޙުޤީޤު މުސްތަޤިއްލު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކާއި އެކު، އެކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އަދި ޕްރޮސިކިއުޓަރުން ހިމެނޭގޮތުން އެކުލަވާލެވުނު ޚާއްސަ ޓީމުން މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި މިދިޔަ އިކްޓޫބަރު މަހުގެ 12 ވަނަ ދުވަހު މަސައްކަތް ފަށްޓަވާފައިވާކަމަށާއި، މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި އިތުރަށް 24 ފަރާތަކާ ސުވާލުކުރެވި، 24 ބަޔާން ނަގައި، 05 ކުޑަކުދިންނާ ސުވާލުކުރެވުނުކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ފަރާތެއް ދެނެގަނެވިފައިވާކަމަށްވެސް އެކޮމިޝަނުން ބުނެއވެ. މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިދެއްވުން އެދި، އިއްޔެ މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމުން އެ އޮފީހުން މައްސަލަ ބަލައިގަނެ، ދަޢުވާ އުފުލުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ