މި މަހުގެ ތިން ވަނަ ދުވަހު އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، މަސްޖިދުލް އަގްސާގެ ހަރިންމައަށް ވަތް މައްސަލައިގައި އޭނާ ދެކޮޅަށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އދ. ގައި ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވަމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
އިޒްރޭލުގެ މިނިސްޓަރު އަގްސާގެ ހަރިންމައަށް ވަނުން އިސްލާމީ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން ފަލަސްތީނުގެ އިތުރުން ސައުދީ އަަރަބިއްޔާ އާއި ޔޫއޭއީ އަދި އުރުދުންއިން ވަނީ އިޒްރޭލް މިނިސްޓަރުގެ ޒިޔާރަތް ކުށްވެރިކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، އަލް އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް މިމަހުގެ 3 ވަނަ ދުވަހު ވަދެފައިވާތީ، މި ކަމަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފުކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޢަމަލުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެކަމަކަށް ވުމާއެކު، އެކަން ކުށްވެރިކޮށް، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ) އިން އދ. ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވަމުންދާކަމަށް ވިދާޅުވިއެވެ.
އޯ.އައި.ސީ.އިންނާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންގެ އިސްނެގުމުގެ މަތީން މިމަހުގެ 5 ވަނަ ދުވަހު ވަނީ ސަލާމަތީ މަޖިލީހުގެ އިމަރޖަންސީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އޯ.އައި.ސީ.ގެ ސްޓޭޓްމަންޓެއް މި ބައްދަލުވުމުގައި ދީފައިވެއެވެ. މީގެ އިތުރުން، މިމަހުގެ 18 ވަނަ ދުވަހު މެދުއިރުމަތީގެ ޙާލަތާ ބެހޭގޮތުން ބަހުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބަހުސްގައި ދިވެހިރާއްޖެއިން ބައިވެރިވެ، ވާހަކަދައްކާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ