ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ އައް ނަސްރު އަށް ދާދި ފަހުން ބަދަލުވި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުން ދެކިލަން ކެތްމަދު ވެފައި ތިބި އެ ކްލަބުގެ ސަޕޯޓަރުންނަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
މިދިޔަ އޭޕްރީލް މަހު މެންޗެސްޓާ ޔުނައިޓެޑާ އެކު ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗެއްގައި އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ބިމަށް ޖެހި މައްސަލައިގައި އޭނާ ދެމެޗަށް ސަސްޕެންޑް ކޮށްފައި ހުރުމުންނެވެ. ރޮނާލްޑޯ ސަސްޕެންޑް ކުރީ އިނގިރޭސިވިލާތުގެ ލީގުގައި ނަމަވެސް އެއީ ފީފާގެ ގަވައިދުތައް ބުނާ ގޮތުން ހުރިހާ ލީގެއްގެ މައްޗަށް ވެސް ހިނގާނެ ގަވައިދެއް ކަމަށް ވުމުން ސައުދީ ލީގުގައި ވެސް ރޮނާލްޑޯ އަށް ވާދަވެރި ދެމެޗްގައި ބެންޗްގައި އިންނަން ޖެހުނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަސްރު އިން އަމިއްލަ ދަނޑުގައި ރޭ އަލް ތާއީއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް ސަޕޯޓަރުން އުއްމީދުކޮށްގެން ގިނަ ބަޔަކު ވަނީ ޓިކެޓް ގަނެފައެވެ. ރޭގެ މެޗާއި އަދި ކުރިއަށް އޮތް މެޗްގައި ވެސް ނަސްރު ޓީމްގެ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ. ނަމަވެސް ރޭގެ މެޗު ވިއްސާރަވެ ދަނޑުގެ ކަރަންޓުގެ މައްސަލަތަކެއް ދިމާވެގެން ވަނީ ކެންސަލްކޮށްފައެވެ.
ސައުދީ ލީގުގައި އައް ނަސްރު މިވަގުތު އޮތީ 11 މެޗުން 26 ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 25 ޕޮއިންޓް ހޯދާފައިވާ އަލް ޝަބާބެވެ.
ރޮނާލްޑޯ ނަސްރު އަށް ބަދަލުވުމާއިއެކު ސައުދީ އަރަބިއްޔާގައި ވެސް އެގައުމުގެ ސަޕޯޓަރުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެޓީމުގެ ޖޯޒީތައް ވެސް މިހާރު ވަނީ ފިހާރަތަކުން ވިކި ހުސްވެފައެވެ.