ޗެލްސީ ބަލިކޮށް, މެންޗެސްޓަރ ސިޓީން ޕްރިމިއަރ ލީގު ތާވަލްގެ ދެވަނާގައި ލީޑް ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
އެއްވަނާގައި އާސެނަލްއާ ދެމެދު އޮތް ފަރަގު ސިޓީން ކުޑަކުރީ 1-0 ން ޗެލްސީގެ ދަނޑުގައި ޗެލްސީ ބަލިކޮށްގެންނެވެ. މި ހަފްތާގައި އާސެނަލް ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ. އެހެންވެ، ސިޓީ އަށް އޮތީ ލީގުގެ ރޭހުގައި ކުރިއަށް ޖެހިލަން ފުރުސަތެއް ލިބިފައެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ދެ ބަދަލެއް މެޗުގެ ކުރީކޮޅުގައި ގެންނަން ޖެހުމެވެ. އެ ގޮތުން ފުރަތަމަ 22 މިނިޓް ތެރޭ އަނިޔާގެ ސަބަބުން ޗެލްސީން ވަނީ ރަހީމް ސްޓާލިން އާއި ކްރިސްޓިއަން ޕުލިސިޗްގެ ބަދަލުގައި ޕިއޭ އެމެރިކް އޮބާމަޔަން އާއި ކާނީ ޗުކުމޭކާ ކުޅެން އަރުވައިފައެވެ.
މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ޖެހީ ރިޔާދު މާރޭޒްއެވެ. އޭނާ ލަނޑުޖެހީ ގްރީލިޝް ތަނަވަސްކޮށްދިން ފުރުޞަތަކުން 63 ވަނަ މިނެޓުގައެވެ. ޗެލްސީ އަށް އެއްވަރުކޮށްދޭން ލެވިސް ހޯލް އަށް ލިބުނު ފުރުސަތުން އޭރިއާތެރެއިން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ސިޓީން އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވަނީ ކޮޅަށް ގޯލެއް ނުވަދެއެވެ. ސިޓީ އާއި ޗެލްސީ އަންނަ އާދިއްތަ ދުވަހު އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ބައްދަލުކުރާނެއެވެ.
މިމޮޅާއެކު ސިޓީ ދެވަނާގައި އޮތީ 17 މެޗުން 39 ޕޮއިންޓާއެކުއެވެ. އެއަދަދަށް މެޗު ކުޅެގެން އެއްވަނާގައި އާސެނަލް އޮތީ 44 ޕޮއިންޓާއެކުއެވެ. ޗެލްސީ އޮތީ 25 ޕޮއިންޓާއެކު 10 ވަނާގައެވެ. ޗެމްޕިއަންސްލީގުގެ ޖާގައަކާ ޗެލްސީއާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ކޮމެންޓު ފޮނުވާ