އަރާމުކުރުމަށް ފުރުސަތުދިން ކަމަށް ބުނި ޗެމްޕިއަންސް ލީގުގައި މިރޭ ޑައިނަމޯކިއޭވް އާ ދެކޮޅަށް ނެގި ބާސލޯނާގެ ސްކޮޑުން މެސި ބާކީކޮށްފިއެވެ.
މެޗުގެ ކުރިން ވާހަދައްކަމުން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ލީގުގައި ބާސެލޯނާގެ ފޯމު ދަށްވި ނަމަވެސް ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ކުޅުން ރަނގަޅުކަމަށާއި މިމެޗުތަކުގައި މެސީ ވަރަށް މޮޅަށްކުޅެފި ކަމަށެވެ. އެހެންކަމުން ކުޅުންތެރިޔާ މިވަގުތު އަރާމްކުރަން ވަގުތު ބޭނުންވާކަމަށާއި އެގޮތުން މިރޭ ސްކޮޑުން އޭނާ ފުރުސަތު ނުދިނީ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޫމަން ވަނީ ބުނެފައެވެ.
މެސީ މިރޭގެ ސްކޮޑުން ބާކީ ކުރިއިރު މިރޭގެ މެޗުގައި ފްރޭންކް ޑިޖޯން އަށްވެސް ފުރުސަތު ނުދޭން ކޫމަން ވަނީ ނިންމާފައެވެ. މެޗާ ކުރިމަތިލާއިރު ބާސެލޯނާ އޮތީ ރަނގަޅު ހާލަތެއްގައި ނޫނެވެ. ލީގުގައި ފޯމު ދަށްވެ އެންމެފަހުން ކުޅުނު މެޗުން ބަލިވެފަވާއިރު 1991 ވަނަ އަހަރު ފަހުން އެޓީމުން އެންމެދަށްކޮށް ފެށި ސީޒަންކަން ފާހަގަކޮށްލެވެއެވެ. ބާސެލޯނާ ފޯމްދަށްވިއިރު ޓީމުގެ ކެޕްޓަން މެސީއަށް ވެސް މިސީޒަނުގައި އަދިވަނީ މާ ރަނގަޅު އެދެވޭ ކުޅުމެއް ނުދެއްކިފައެވެ.
ޓީމަށް ދިމާވެފާ މައްސަލަތަކަށް ހައްލު ނުހޯދިފައި ވަނިކޮށް މުހިންމު ދެކުޅުންތެރިން ކަމަށްވާ އަންސޫ ފަޓީ އާއި ޖެރާޑް ޕީކޭ އަށްއަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ވަނީ ޖެހިފައެވެ. މިރޭގެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ގަދަސޯޅައަށް ދިމުމުގެ ފުރުސަތު ބާސެލޯނާއަށް އޮންނާނެއެވެ.