ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާގެ ތަޢުލީމީ ޚިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ، ކައުންސިލްގެ މެންބަރު މުހައްމަދު އަފްރާހް، މެންބަރު މޫސާ ރަޝީދު، މެންބަރު އުސްތާޒާ އަރްމާން ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ. އިންޑިއަން ހައި ކޮމިޝަނުގެ ފަރާތުން ހައިކޮމިޝަނަރު މުނޫ މަހާވަރާއި އަދި ފަސްޓް ސެކެރެޓަރީ ކަރަން ޔާދޭވް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މީޑިއާ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި، މި ބައްދަލު ކުރެއްވުމުގައި، ދިވެހި ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު މުނޫ މަހާވަރު ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެއްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި އިންޑިއާގެ ޕްރެސް ކައުންސިލް ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް ހައިކޮމިޝަރ ވިދާޅުވިކަމަށްވެސް މީޑިއާކައުންސިލުން ހާމަ ކޮށްފައި ވެއެވެ.