އިސްރާއީލުގެ ޖަލުގައި އެންމެ ދިގު މުއްދަތެއް ހޭދަ ކޮށްފައިވާ ފަލަސްތީނުގެ ކަރީމް ޔޫނިސް، 40 އަހަރަށްފަހު ޖަލުން މިނިވަން ކޮށްފިއެވެ.
އިސްރާއީލުގެ އޮތޯރިޓީން، މިހާރު އުމުރުން 66 އަހަރު ޔޫނިސް، ޓެލްއަވީވްގެ އުތުރުގައި ހުންނަ ހަޑަރިމް ޖަލުން މިނިވަން ކޮށްފައިވަނީ މި ފަހްތާގެ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
އިސްރާއީލުން ސިފައިން ޔޫނިސް ހައްޔަރުކޮށް، 1983 ވަނަ އަހަރު އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އިސްރާއީލުން ހިފާފައިވާ ސީރިއާގެ ގޯލާންގެ އުސް ބިންތަކުގައި، އޭގެ ތިން އަހަރުކުރިން އޭނާ އިސްރާއީލު ސިފައިންގެ މީހަކު މަރާފައިވާކަަމުގެ ތުހުމަތުގައެވެ.
ޔޫނިސް 40 އަހަރަށްފަހު ޖަލުން މިނިވަން ކުރުމާއެކު އޭނާއަށް މަރުހަބާ ކިޔާފައިވަނީ އިސްރާއީލުގެ އެތެރޭގައި އޮންނަ ފަލަސްތީނުގެ ވިލެޖެއް ކަމުގައިވާ އާރާއިން، އޭނާގެ ރަހުމަތްތެރިންނާއި އާއިލާގެ މީހުންނެވެ.
އަލްޖަޒިރާ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔޫނިސް އިސްރާއިލުގެ ޖަލުން މިނިވަން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 5:30 ގައެވެ. އޭނާ ޖަލުން މިނިވަން ކުރުމާއެކު، އޭނާއަށް މަރުހަބާ ކިޔުމަށްޓަކާ އެ އަވަށުގެ ގިނަ ބަޔަކުވަނީ މަގުތަކަށް ޖަމާ ވެފައެވެ.
"އޭނާއަކީ ފަލަސްތީނު މީހުން ކުރަމުންދާ ޖިހާދުގެ ވަރުގަދަ ޝަޚްސިއްޔަތެއް. އޭނާ ހައްޔަރު ކުރިއިރު އޭނާއަކީ ފަލަސްތީނުގެ ސިޔާސީ މަސްރަހުގައި ވިދަމުން އައި ތަރިއެއް،" ޚާން ނަމަކަށް ކިޔާ ފަލަސްތީނުގެ ރައްޔިތަކު އަލްޖަޒިރާއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ގިނަ މީހުންނަކީ ހިފާފާއިވާ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ މީހުންނަށް ވިނަމަވެސް، ޔޫނިސްއަކީ ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު ރައްޔިތެކެވެ.
"ފަލަސްތީނު މީހުން ބުނަމުން ދިޔައީ ޔޫނިސްއަކީ އިސްތިއުމާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް. އެހެންނަމަވެސް އިސްރާއީލުން ބުނަމުން ދިޔައީ އެއީ އެމީހުންގެ އެތެރޭގެ މައްސަލައެއް ކަމަށް. އޭނާ އެންމެ ފުރަތަމަ ޖަލަށްލީ އުމުރަށް. ފަހުން އޭނާގެ ހުކުމް ބަދަލު ކުރީ 40 އަހަރުގެ ޖަލު ހުކުމަކަށް. އޭނާ ޖަލުން ދޫކޮށްލީ ހުކުން ތަންފީޒުކޮށް ނިމުމުން،" ޚާން އިތުރަށް ބުނެފައި ވެއެވެ.
ޚާން ބުނި ގޮތުގައި ޔޫނިސް ޖަލުން މިނިވަން ކުރުމުގެ ކުރިން އިސްރާއިލްގެ މިލިޓަރީ އިންޓެލިޖެންސުންވަނީ ޔޫނިސްގެ އާއިލާއާއި ބައްދަލުކޮށް، އޭނާ ޖަލުން މިނިވަން ކުރުން ފާހަގަ ނުކުރުމަށް އަންގާފައެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި ޔޫނިސްގެ އާއިލާއާއި އަދި އޭނާ ނިސްބަތްވާ އާރާ ވިލެޖްގެ މީހުންވަނީ އިސްރާއީލުގެ މި އެންގުމަށް ބޯ ނުލަނބާފައެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔޫނިސް ޖަލުން މިނިވަން ކޮށްފައިވަނީ، އޭނާއަށް ތާއީދުކުރާ މީހުން އެއްވިޔަ ނުދިނުމުގެ ގޮތުން، ބުރާސްފަތި ދުވަހުގެ ހެނދުނު، ކުރިން އެންގުމަކާ ނުލައެވެ. އިސްރާއީލު ސިފައިން ޔޫނިސް ދޫކޮށްފައިވަނީ ޕޮލިސް ކާރެއްގައި ގެންގޮސް، ޓެލްއަވީވްގެ އުތުރުން ރާނަން ކިޔާ ހިސާބެއްގެ ބަސް ސްޓޮޕެއްގެ ކައިރިއަށެވެ.
އޭނާ އާއިލާގެ މީހުންނާ ގުޅާފައިވަނީ އެހިސާބުން ހިގާފައިދިޔަ މީހެއްގެ އެހީތެރިކަމުގައެވެ. އެއަށްފަހު އާއިލާގެ މީހުން އައިސް އޭނާ ގެންދިޔައީއެވެ.
އިސްރައީލުގެ ޖަލުތަކުގައި މިހާރުވެސް ފަލަސްތީނުގެ 4،700 މީހުން ބަންދު ކޮށްފައި ވެއެވެ. އޭގެތެރޭގައި 150 ކުޑަކުދިންވެސް ހިމެނެއެވެ. އަދި ޖަލުގައި ބަންދު ކޮށްފައިވާ މީހުންގެ ތެރެއިން 835 މީހުންނަކީ އެއްވެސް ޝަރީޢަތަކާ ނުލާ ބަންދުކޮށްފައި ތިބި މީހުންނެވެ.