އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާއާއި، ރައްޔިތުންގެ ތާއީދު ހޯދާނެ ފޯމިއުލާ ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާކަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގައި ވާދަކުރެއްވިކަން އިއުލާން ކުރެއްވިފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައި މިރޭ އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޯށްދެއްވުމަށް ކަމަށެވެ.
އެމްޑީޕީން މާޒީގައި ވެރިކަން ކުރަން ލިބުނު ފުރުސަތުގައި ވެރިކަން ކުރިގޮތާއި، އަދި މިވެރިކަމާއި ހުރި ތަފާތު ރައްޔިތުންނަށް ސާފުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނުސީދާކޮށް ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މިނިކުންނަނީ އެމްޑީޕީއަށް އަނެއްކާވެސް ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ހޯދުމަށް ކަމަށެވެ. އެކަން ކުރެވޭނެ އަދި އެކަން ކުރުމުގެ ގާބިލްކަން ހުރި ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ.
އެއްއަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށް ނޫން، ހަތަރު އަހަރަކަށް ނޫން، ފަސް އަހަރަށް. ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ 6 އިންތިޚާބު އަޅުގަނޑު ކާމިޔާބު ކުރިން. އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާ އަދި ރައްޔިތުންގެ ތާއީދު ހޯދާނެ ފޯމިއުލާ އަޅުގަނޑަށް އެނގޭ. ބޮޑުތަނުން ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނަން. އަދި މިޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރާނަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް މީހެއްގެ އަޅެއް ނޫންކަމަށެވެ. އަދި ކަންކަން ނިންމުގައި އަމަކު ކުރައްވަނީ ކެބިނެޓާއި، ޕާޓީއާއި މަޖިލީހުގެ މަޝްވަރާގެ މަތީންކަމަށެވެ. ވެރިކަން ކުރާއިރު ދެން އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ މައިނޯރިޓީއާއިއެކު ވެރިކަން ކުރެވޭނެ އަދި އެމީހުންނަށް އިހުތިރާމް ކުރައްވައިގެން ވެރިކަން ކުރެވޭނެ ފޯމިއުލާއެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ އުފެދުނު ފުރަތަމަ ވެރިކަމުގައި 2008 ވަނަ އަހަރު ވީ އެންމެ ފުރަތަމަ ވައުދު 2 މަސްތެރޭގައި ބޮލާލައި ޖެހިކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2013ގައި ވެރިކަން ނުލިބުނީވެސް ކޯލިޝަނަކާއިއެކު ވެރިކަން ކުރަން މަސައްކަތް ނުކުރުމުންކަމަށެވެ. އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނިިކުންނައިރު ހޯދަންޖެހޭ އެންމެ ބޮޑު ޔަގީންކަމީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެނޑިޑޭޓަކު އިންތިޚާބު ކުރުންކަމަށެވެ. އެކަން ކުރެވޭނެ ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.