އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް އިއުލާން ކޮށްފައިވާ ޕީޕީއެމްގެ ރައީސް ޔާމީންގެ ކެމްޕެއިން ދަތުރެއް ނ.އަތޮޅަށް ކުރުމަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީނަކީ ރިޔާސީ ކެނޑިޑޭޓްކަމަށް ޕީޕީއެމްއިން ބުނެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި އުފުލި ދެ ދަޢުވާވެސް ސާބިތުވެ 11 އަހަރަށް ޖަލުހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނީ މިހުކުމަކީ ހަރާމް ކުރުމެއް ކަމަށެވެ. އަދި ހުކުމް މަތީ ކޯޓުން ބާތިލް ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
އިދިކޮޅު ކޯލިޝަންގައި މިވަގުތު އިސްކޮށް ހަރަކާތްތެރިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ 2023 ގެ ކެމްޕެއިން ދަތުރެއް މިމަހުގެ 6 އިން 10 އަށް ނ.އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސް ޔާމީން 2023 ގެ ކެމްޕެއިން ދަތުރެއް ޖެނުއަރީ 6 އިން 10އަށް ނ.އަތޮޅަށް ކުރުމަށްވަނީ ހަމަޖެހިފައި pic.twitter.com/GSfhtEs4GX
— Abdul Raheem Abdulla (@Banafsaa) January 4, 2023
ރައީސް ޔާމީންގެ ކެމްޕެއިން ޓީމުތަކުން ނ.އަތޮޅަށް ދިއުމަށް ނިންމާފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހުގެ ކެމްޕެއިން ޓީމުންވެސް ރައީސް ޞާލިހާއިއެކު މިތާރީހުގެ ތެރޭގައި ނ.އަތޮޅަށް ކެމްޕެއިން ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް ޞާލިހުގެ ކެމްޕެއިންގެ ފުރަތަމަ މިރޭ އެމްޑީޕީގެ ހަރުގޭގައި ބާއްވާއިރު، ޕީޕީއެމްއިން އެމްޑީޕީ ހަރުގެ ކުރިމަތީގައި މުޒާހަރާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.