އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޭނުންފުޅަކަށް ބޭއިންސާފުން އެޕާޓީގެ 20 ހާސް މެމްބަރުން ޕާޓީގެ ދަފުތަރުން އުނިކޮށް ޕާޓީން ވަކިކުރިކަމަށް ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ތުހުމަތުކުރައްވައިފިއެވެ.
ފަހަކަށް އައިސް ނާޝީދާއި އޭނާއަށް ތާޢީދުކުރާ މީހުންނަށް އެންމެބޮޑަށް ފާށު ވިދާޅުވާ ރީކޯ މޫސަ ކުރެއްވި ޓްވިޓެއްގައި ވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގައި މައްސަލަ އުފައްދައިގެން ނަޝީދު ބޭނުންވެގެން ފާއިތުވި 15 އަހަރުދުވަހުގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރި އެތައްބަޔަކު ޕާޓީން ވަކިކޮށްފައިވާކަމަށެވެ. އަދި އެފަދަ މީހުންގެ ޢާއިލާތައް ޕާޓީދޫކޮށް ދިއުމާއެކު ޖުމުލަ 20 ހާހެއްހައި މީހުން ނަޝީދުގެ ބޭނުމަށް އެމްޑީޕީން ވަކިކުރިކަމަށެވެ.
ފިޔަވަޅުއަޅާކޮމެޓީގަ މައްސަލަ އުފައްދައގެނ ނަޝީދު ބޭނުންވެގެންފާއިތުވި 15އަހަރުތެރޭ MDP ގެއިސްސަފުގާމަސައްކަތްކުރި އެތަށްބަޔަކު ގަސްތުގަ ޕާޓީންވަކިކުރި، އަދި އެފަދަ މީހުނގެޢާއިލާލާތަށް ޕާޓީ ދޫކޮށްދިއުމުން ޖަުމްލަ 20ހާސް މީހުން ނަޝީދުގެބޭނުމަށް MDP އިންވަކިކުރި
— Moosa Maniku (Reeko) (@ReekoMoosa) January 2, 2023
ރީކޯ މޫސަ މިހެން ވިދާޅުވެފައި މިވަނީ، އެހެން ޕާޓީއެއްގައި ނަން އޮވެގެންކަމަށް ބުނެ އެމްޑީޕީގެ 39،398 މެންބަރުން ނުވަތަ ޕާޓީގެ ދަފްތަރުގެ %42 މެންބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާކަމަށާ، އެއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ޙައްޤު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ޙީލަތްތެރި ޢަމަލެއްކަމަށް ބުނެ އަނެއްކާވެސް ނަޝީދު ޝަކުވާކުރައްވައި ބަޔާނެއް ނެރުއްވުމާ ގުޅިގެންނެވެ.
ނަޝީދު މިގޮތަށް ޝަކުވާކުރެއްވީ، މިއީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވެ މިނިވަން އިންސާފުވެރި ރިޔާސީ ޕްރައިމެރީއަކަށް ގޮވާލައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.
މިއަދު ނަޝީދު ނެރުއްވި ބަޔާނުގައިވަނީ މާފަހުން އެކުލަވާ ޝަރުތުތަކެއް، މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަރ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުންވެސް، އަދި ޤާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަރޝިޕް އިޔާދަކޮށް، އެމެންބަރުންގެ ސިޔާސީ-މަދަނީ ޙައްޤުތައް ޙިމާޔަތްވާނެ މަގުން، އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް ޕާޓީގެ ޗެއަރޕާސަނާއި، އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލާކަމަށް ނަޝީދުގެ ކެމްޕެއިން އޮފީހުން އޭނާ ނެރުއްވި ބަޔާނުގައިވެއެވެ.