ރައްޔިތުން ދައްކާ ޓެކްސް ފައިސާ، އެއްވެސް ބޭނުމެއް ނެތް ކަންކަމުގައި ހޭދަކޮށް އިސްރާފުކުރުމަކީ އިޖުތިމާޢީ ޢަދާލަތު ގެއްލެމުންދާކަމުގެ ނިޝާނެއްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ، އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިސްރާފު މަދުކޮށް ނިކަމެތިންނަށް އެހީތެރިވެ އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވެފައިވެއެވެ. ރައްޔިތު މީހާ، ފުރާނަ ސަލާމަތްކުރަން ކުރަންޖެހޭ އޮޕަރެޝަންފަދަ ކަންކަމަށް ބޭނުންވާ ފައިސާ ނެތިގެން، ސޯޝަލް މިޑިއާގައި ކަރުނައަޅައި އެހީތެރިކަމަށް އެދޭއިރު ރައްޔިތު މީހާ ދައްކާ ޓެކްސް ފައިސާ އެއްވެސް ބޭނުމެއް ނެތް ކަންކަމުގައި އިސްރާފުކުރަމުން ދިއުމަކީ އިޖުތިމާޢީ ޢަދާލަތު ގެއްލެމުންދާކަމުގެ ނިޝާނެއްކަމަށެވެ.
އިސްރާފު މަދުކޮށް ނިކަމެތިންނަށް އެހީތެރިވެ އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރާށެ! pic.twitter.com/jUKiYuybk8
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 31, 2022
އަދި މުޖުތަމަޢުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް މާޔޫސްކަން ފިލުވައި އިސްރާފުކުޑަކޮށް ނިކަމެތިންނަށް އަޅާލުން އިތުރުކުރުމަށް ދައުލަތުން އިސްކަންދޭންޖެހޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
އާއަހަރުފަދަ މުނާސަބަތުތަކުގައި ހަވާއެރުވުމާއި މުނިފޫހި ފިލުވުމުގެ އިޙްތިފާލުތައް ދައުލަތުގެ މުއައްސަސާތަކުން އިސްނަގައިގެން ބާއްވާއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ. އަދި މިއަހަރުގެ ރޭ މެންދަމު 00:00އިން ފެށިގެން ޓެކްސްބޮޑުވުމާއެކު ތަކެތީގެ އަގުވަނީ އުފުލިފައެވެ.
އިޤްތިޞާދީ ދަތިކަމާއެކު ރައްޔިތުން އުފުލަންޖެހޭ ތަކުލިފު ބޮޑުވެފައިވާއިރު، ދައުލަތުގެ ވެރިންނާއި މުއައްސަސާތަކުން އެކަމަށް ސަމާލުކަމެއްދޭތަން ނުފެންނަކަމަށް ޢާންމުންގެތެރެއިން ވަރަށްގިނަބަޔަކު ބުނެއެވެ.
ކޮމެންޓު ފޮނުވާ