ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލާ ދެކޮޅަށް ބާސެލޯނާ އިން 1-1 އިން އެއްވަރުވި މެޗުގެ ރެފްރީ، އެންޓޯނިއޯ މަޓޭއު ލަހޯޒް އަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ފާޑުކިޔައިފިއެވެ.
މިމެޗުގައި ރެފްރީ ވަނީ 19 ކާޑު ދެޓީމުގެ ކުޅުންތެރިންނަށް ދައްކާފައެވެ. މެޗަށް ބާސެލޯނާ އިން ކުރިމަތިލީއިރު، އެ ޓީމު އޮތީ ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. މެޗުން މޮޅުވެ އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. ނަމަވެސް މެޗު އެއްވަރުވުމުން ބާސެލޯނާ އާއި ރެއާލާ ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި، ލީޑު ނާގަފައެވެ. އެޑްރިއަން ކްރިސްޓެންސަން ތަނަވަސްކޮށްދިން ފުރުސަތަކުން ބާސެލޯނާ އަށް ލީޑު ނަގައިދިނީ މާކޮސް އަލޮންސޯއެވެ. ގިނަ ކާޑު ތަކެއް ފެނިގެން ދިޔަ މެޗުގައި އެސްޕަންޔޯލުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޕެނަލްޓީން އެ ޓީމަށް ނަތީޖާ ހަމަހަަމަކޮށްދިނީ ޖޮސެލޫއެވެ. މެޗުގައި ބާސެލޯނާގެ ޖޯޑީ އަލްބާ އާއި އެސްޕަންޔޯލްގެ ވިނީޝިއުސް ސޫޒާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.
ލާހޯޒް ވަނީ މި މެޗުގައި ޖުމްލަ 19 ކާޑު ދައްކައިފަ އެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ކޯޗު ޒަވީ އަށް ދެއްކި ކާޑު ވެސް ހިމެނެއެވެ. މެޗަށް ފަހު ޒަވީ ބުނީ ރެފްރީ ލާހޯޒް އަތުން މެޗުގެ ކޮންޓްރޯލް ގެއްލި މެޗަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. ރެފްރީ ލާހޯޒަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި ނެދަލެންޑްސް ކުޅުނު މެޗުގެ ރެފްރީއެވެ. އެ މެޗުގައި ލާހޯޒް ވަނީ ޖުމްލަ އެކު، 18 ކާޑު ދައްކައިފައެވެ.
ބާސެލޯނާއިން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. ކުޅުނު 15 މެޗުން އެ ޓީމާއި، ރެއާލަަށް ވެސް ލިބެނީ 38 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ލިބެނީ 27 ޕޮއިންޓެވެ. އެސްޕަންޔޯލް އޮތީ 13 ޕޮއިންޓާއެކު 16 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ