އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 2-0 އިން މޮޅުވެ، ޗެލްސީން ހަމަޖެހުމެއް ހޯދިއިފިއެވެ.
ރޭގެ މޮޅަކީ ޗެލްސީ މިދިޔަ އޮކްޓޫބަރު މަހު ލީގުގައި އެސްޓަން ވިލާ އަތުން މޮޅުވި ފަހުން، ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ވޯލްޑް ކަޕަށް ލީގު މެދުކަނޑާލުމުގެ ކުރިން އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް ޗެލްސީ މޮޅު ވެފައެއް ނުވެއެވެ. ވިލާ އަތުން ހޯދި މޮޅަށް ފަހު ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރު ވިއިރު، ދެން ކުޅުނު ތިން މެޗުން ވެސް ޗެލްސީ ވަނީ ބަލި ވެފައެވެ.
ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިރޭގެ މެޗު ފަށައިގެން 16 ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ކައި ހަވާޓްޒް އެވެ. މިއީ ރަހީމް ސްޓާލިން ނަގައިދިން ހުރަހަކަށް ހުސްކޮށް އަރައި، ހަވާޓްޒް ޖެހި ގޯލެކެވެ. މެޗުގެެ 24 ވަނަ މިނިޓްގައި ހަވާޓްޒް، ދިން ބޯޅައަކުން، ޗެލްސީގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ މޭސަން މައުންޓްއެވެ. މިއީ އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މައުންޓް ޖެހި ގޯލެކެވެ.
ޗެލްސީން މި މެޗުގައި އިތުރު ގޯލު ޖަހަން ކުރި މަސައްކަތް ހުއްޓުވީ ބޯންމައުތުގެ ކީޕަރު، މާކް ޓްރެވާސްއެވެ. ޓްރެވާސް ވަނީ ޗެލްސީގެ ރީސް ޖޭމްސް، ސްޓާލިން އަދި މައުންޓް ފޮނުވާލި ބޯޅަތައް ހުއްޓުވައިފައެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ޖޭމްސްގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރިއެވެ. ޖޭމްސް އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ ވެސް ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.
މިމޮޅާއެކު ގްރަހަމް ޕޮޓާ އިރުޝާދުދޭ ޗެލްސީ ވަނީ ތާވަލްގެ އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ގަދަ ހަތަރެއްގެ އުއްމީދު ހޯދާފައެވެ. ހަތަރުވަނާގައި އޮތް ޓޮޓެންހަމްއާ ދެމެދު އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ. ޓޮޓެންހަމް ވަނީ ޗެލްސީއަށްވުރެ އިތުރަށް މެޗެއް ކުޅެފައެވެ. އެހެންކަމުން މެޗު ހަމަކުރާއިރު ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ.