ދަށުކޯޓުން ޚިޔާނާތުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ހުންނެވީ މާފުށީ ޖަލުގައި ކުރިންވެސް އެމަނިކުފާނާއި އެފެންވަރުގެ އެހެންވެސް ބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ވީއައިޕީ އެޕާޓްމެންޓުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގިކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވީ 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށް ލުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.
ޔާމީން ޖަލަށް ލުޟާއެކު ޖަލުގައި އެމަނިކުފާނަށް ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްފައިވޭތޯ ބަލަން އިދިކޮޅު ކޯލިޝަންގެ އިސް ވަފުދެއް އިއްޔެ ކަރެކްޝަންސަށް ދިޔައެވެ.
ކަރެކްޝަނުން ވިދާޅުވެފައިވަނީ ޖާމީން އޮންނެވި ވީއައިޕީ އެޕަޓުމަންޓު ބަލަހައްޓަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުންކަމަށާ، އެތަނުގައި ބަންދުކޮށްފައިވާ ތިބޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޚާއްސަ އުސޫލަކުން ބަލަހައްޓާނެކަމަށެވެ. އަދި ކެއިންބުއިމާއި ކަސްރަތާއި އެނޫންވެސް ކަންކަން ޚާއްސަ އުސޫލަކުން ހިނގަމުންދާނެކަމަށެވެ.
ޕީޕީއެމުން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮވެއެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް މި ވަގުތަށް ވަނީ ފުރުސަތު ބަންދުވެފައެވެ.