ކުރިއަށް އޮތް އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ މަދަޙަ މުބާރާތް އަދި ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ "މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444″ އަދި "މާލޭ ސިޓީ ކައުންސިލް ޤުރްއާން މުބާރާތް 1444″ ނަމުގައެވެ. މި މުބާރާތްތަކުގައި ޖުމުލަ 6 އުމުރުފުރާއަކުން ބައިވެރިވެވޭނެއެވެ. އެއީ 6 އަހަރުންދަށާއި، 9 އަހަރުންދަށާއި 11 އަހަރުންދަށާއި، 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މަދަހަ މުބާރާތުގައި 6 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެއެވެ.
ޤުރްއާން މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށުގެ އުމުރުފުރާއެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގައިވެސް 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.
މިި ދެ މުބާރާތުންވެސް ކޮންމެ ގްރޫޕަކުން 1 ވަނަ ހޯދާ ފަރާތްތަކަށް 80،000 ރުފިޔާ، 2 ވަނަ ހޯދާ ފަރާތްތަކަށް 6000 ރުފިޔާ އަދި 3 ވަނަ ހޯދާ ފަރާތްތަކަށް 4000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި މުބާރާތުން އެއްވަނަަ ހޯދާ ފަރާތަށް 25،000 ރުފިޔާ ، 2 ވަނަ ހޯދާ ފަރާތަށް 15،000 ރުފިޔާ ކަނޑައެޅިފައިވާއިރު 3 ވަނައަށް އަންނަ ފަރާތަށް 10،000 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވެއެވެ.
މަދަހަ މުބާރާތުގައި ވަނަވަނައަށް އަންނަ އެންމެ މޮޅު ޅެމާއި އަމިއްލަ ރާގު ހުށަހަޅާދޭ ފަރާތްތަކަށްވެސް އިނާމް ދިނުމަށް ހަމަޖެހިފައިވެއެވެ. 3 ވަނައަށް 3000 ރުފިޔާ، 2 ވަނަ އަކަށް ހޮވޭ އެންމެ މޮޅު ޅެމާއި ރާގަށް 4000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު 1 ވަނައަށް ހޮވޭ އެންމެ މޮޅު ޅެމާއި ރާގަށް 5000 ރުފިޔާ އިނާމަކަށް ހަމަޖެހިފައިވެއެވެ. މި މުބާރާތްތަކުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 20 ޖަނަވަރީ 2023 އެވެ.