މަޖިލިސް ރައީސްކަން ދިފާއުކުރުމަށް ނަޝީދު ރައީސާއި ބައިއަތު ހިފުން ގާތް: ޒައިދު

މަޖިލިސް ރައީސްކަން ދިފާއުކުރުމަށް ނަޝީދު ރައީސާއި ބައިއަތު ހިފުން ގާތް: ޒައިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގެ ޖާހަތަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ޕްރައިމަރީން ބަލިވުމަށްފަހު ރައީސް ޞާލިހާއި ބައިތު ހިފުމަކީ ގާތްކަމެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާއި، ރައީސް ޞާލިހު ވާދަކުރައްވާނެކަން އިއުލާންކޮށް، ދެބޭފުޅުންވެސް ތާއީދު ހޯދުމުގެ ފޯމުގައި ސޮއިކުރަމުންދާ ދަނޑިވަޅެއްގައެވެ. ދެބޭފުޅުންނަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައިވެސް ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވެމުންދާއިރު ދެ ރައީސުންވެސް ތިބީ އިންތިޚާބުގައި ދޫދޭ ގޮތަކަށް ނޫނެވެ.

ޝައިޚު ޒައިދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށްވެސް ކޮންމެވެސް ވަރެއްގެ ވޯޓު ކޮޅެއް ލިބިދާނެކަމަށެވެ. ނަމަވެސް ސާފު އައުލަބިއްޔަތު މިއިންތިޚާބުގައި ނަގާނެކަމަށް ބެެލެވެނީ ރައީސް ޞާލިހުކަމަށެވެ. އަދި ޕްރައިމަރީގައި ރައީސް ޞާލިހަށް ކުރާ ބޮޑެތި ތުހުމަތުތައް އެއީ ނުކުރާ ތުހުމަތަށް ހަދައި މަޖިލިސް ރައީސްގެ މަޤާމު ދިފާއު ކުރެއްވުމަށް އަލުން ރައީސް ޞާލިހަށް ތާއީދުކޮށް ބައިއަތު ހިފާތަން ފެނުމަކީ ދުރުކަމެއް ނޫންކަމަށެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޕްރައިމަރީގައި ރައީސް ނަޝީދު ވެސް ކޮންމެވެސް ވަރެއްގެ ވޯޓުކޮޅެއް ހޯދާނެ! ނަމަވެސް އަޣްލަބިއްޔަތު ލިބޭނީ ރައީސް ޞާލިހް އަށް! އެއަށްފަހު ޕްރައިމަރީގައި ކުރިހާ ތުހުމަތުތައް ނުކުރާ ތުހުމަތަށް ބަދަލުވެ އަނެއްކާވެސް މަޖިލިސް ރައީސް ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފަހަތަށް ރައީސް ނަޝީދު އަރުއްވާތަން ފެންނާނެ!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޕްރައިމަރީގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސުޕަމެޖޯރިޓީގެ ތާއީދު އޮތީ ރައީސް ޞާލިހަށެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން ވިދާޅުވަމުންދަނީ، މިޕްރައިމަރީ ރައީސް ނަޝީދު ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާން ތާވަލު ކުރެވިފައި އޮތީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީގައި މިވަގުތު 58،000 އަށް މެމްބަރުން ތިބިއިރު އެއީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އަދި އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *