ވެންޓިލޭޓަރުގެ މައްސަލާގައި ޝިޔާމާ އާއި އިތުރު ދެ މީހަކަށް ދައުވާ

ވެންޓިލޭޓަރުގެ މައްސަލާގައި ޝިޔާމާ އާއި އިތުރު ދެ މީހަކަށް ދައުވާ

Author
ޢަލީ އާދަމް
20 ޑިސެމްބަރ 2022 03:08
0

ކޯވިޑް-19ގެ ދުވަސްވަރު ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރިއިރު ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ތިންވަނަ ފަހަރަށް ފޮނުވައިފިއެވެ.

މި މައްސަލާގައި މިފަހަރު ދައުވާކުރަން ފޮނުވާފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަޤާމުގައި ކުރިން ހުރި، ތ. ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމްގެ އިތުރުން އެމިނިސްޓްރީގެ ލީގަލް އޮފިސަރގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށެވެ.

މި 3 މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025ރ. (ތިރީސްއެއް މިލިއަން ފަންސާސް ދެހާސް ފަންސަވީސް) ރުފިޔާ އަނބުރާ ހޯދުމަށްވެސް ވަނީ އެދިފައެވެ.

ވެންޓިލޭޓަރު މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އޭސީސީން ވަނީ 2 ފަހަރެއްގެ މަތީން ޕީޖީ އޮފީހުގައި އެދިފައެވެ. ނަމަވެސް އޭސީސީން ދައުވާ ކުރަން ފޮނުވިއިރު، ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ އެކަންކަން ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން ވަނީ އޭސީސީއަށް ފޮނުވާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތްވެސް ވަނީ ފަށާފައެވެ. ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ، ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު ވަނީ އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ.

މިހާތަނަށް އައިއިރުވެސް މި ފައިސާއަށް ވާވަރަށް ވެންޓިލޭޓަރު ލިބިފައެއް ނުވެއެވެ. އެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އެއީ މި އެއްބަސްވުމުގެ ފުރަތަމަ ޝިޕްމަންޓުކަމަށް ދުބާއީ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.