ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން ސިންގަޕޫރު 3-1 އިން މޮޅުވެއްޖެއެވެ.
ސިންގަޕޫރުގައި މިއަދު ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. އަރިމަތިން ނެގި ހުރަހަކުން ސިންގަޕޫރުގެ ފޯވާޑް އިލްހާން ފާންޑީ ހުސްކޮށް ހުރެފައި، އޭރިއާތެރެއިން ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. މިއީ އަރިމަތިން ސިންގަޕޫރުގެ ޑިފެންޑަރު ކްްރިސްޓޮފާ ވެން ހީޒެން ނެގި ހުރަހަކުން، ފާންޑީ ބޮލުން ޖެހި ގޯލެކެވެ.
ރާއްޖޭން ކުޅުން ރަނގަޅުކޮށް މެޗުގެ 15 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު ޖެހީ ހަމްޕު ނެގި ކޯނަރަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ސިންގަޕޫރުގެ ކީޕަރު ޒައިފުލް ނިޒާމް ބޯޅަ އަށް ހަރަކާތް ކުރި ނަމަވެސް ފޭދޫ އިއްބެ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފައެވެ. ރާއްޖެ އަށް ލީޑުނަގައިދޭން ހަސަން ރާއިފް އަހުމަދު (ހަންނަ) ރަނގަޅު ހަމަލާއެއް ފޮނުވާލިއެވެ. އިބްރާހިމް އައިސަމް ދިން ބޯޅައެއް އޭރިއާތެރެއިން ހޯދައި، ސިންގަޕޫރު ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ހަންނަ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ސިންގަޕޫރުން އަލުން ލީޑުނެގިއެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ޝަވަލް އަނުއާރްއެވެ. އޭރިއާތެރެއިން ޝަވަލް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކީޕަރު ހުސެން ޝަރީފް އަތުގައި ޖެހިފައެވެ. ރާއްޖޭގެ ޓީމުން މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް، ސިންގަޕޫރުން ވަނީ 86 ވަނަ މިނެޓުގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް، ޝަވަލް އެއް ފަހަރުން ގޯލަށް ފޮނުވާލައިފައެވެ.
ރާއްޖެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި މެލޭޝިއާ އަތުން 0-3ގެ ނަތީޖާ އިން ވަނީ ބަލިވެފައެވެ. މިއީ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި 5 ވަނަ މެޗެެވެ.
ކޮމެންޓު ފޮނުވާ