ޓުވިޓާރގެ މިހާރުގެ ވެރިޔާ، އަދި ދުނިޔޭގަ ހުރި އެންމެ މުއްސަދި މަހުޖަނު އެލޮން މަސްކުގެ ޚަބަރުތައް ކަވަރު ކުރަމުންދާ އެމެރިކާގެ ގިނަ އަދަދެއްގެ ނުސްވެރިންތަކެއް ކުއްލި ގޮތަކަށް ޓުވިޓަރއިން ސަސްޕެންޑް ކޮށްފިއެވެ.
ކުރިން އިންޒާރު ދިނުމަކާ ނުލާ، މިހަފްތާގެ ބުރާސްފަތި ދުވަހު، ޓުވިޓަރއިން މި ނޫސްވެރިން ސަސްޕެންޑް ކޮށްފައިވަނީ، އޭނާ އުޅެމުންދާ ތަންތަނާއި ގުޅުންހުރި އަމިއްލަ މައުލޫމާތު (ޕްރައިވެޓް އިންފޮމޭޝަން) މި ނޫސްވެރިން އާންމު ކުރަމުން ދިއުމުގެ ސަބަބުން އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާ ވެފައިވާކަމަށް މަސްކު ވިދާޅުވެފައި ވަނިކޮށެވެ.
ޓުވިޓަރއިން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރި ނޫސްވެރިންގެ ތެރޭގައި، ދަ ނިއުޔޯކު ޓައިމްސް، ދަ ވޮޝިންޓަން ޕޯސްޓު، ސީއެންއެން، ދަ އިންޓަރސެޕްޓް، ވޮއިސް އޮފް އެމެރިކާގެ ރިޕޯޓަރުން ހިމެނެއެވެ.
މުޅި ދުވަހު ހުއްޓުމެއް ނެތި އަހަރެންނަށް ފާޑު ކިޔަމުން ދިޔަޔަސް މައްސަލައެއް ނެތް. އެހެންނަމަވެސް އަހަރެން އުޅެމުންދާ ތަންތަން ވަގުތުން ވަގުތަށް ހޯދާ ބަލާ، އަހަރެންގެ އާާއިލާއަށް ނުރައްކާކުރުން ބަލައެއް ނުގަނެވޭ.
މަސްކު ޓުވިޓަރގައި ލިޔުއްވާފައި ވެއެވެ.
އެހެން މީހުންނެކޭ އެއްފަދައިން ނޫސްވެރިންނަށްވެސް މި އުސޫލު ހިގާނެ.
މަސްކު އިތުރަަށް ވިދާޅުވެފައި ވެއެވެ.
މަސްކު ފަހުން ތުހުމަތު ކޮށްފައިވާ ގޮތުގައި، ނުސްވެރިން މަސައްކަތް ކުރަމުންދިޔައީ، ޓުވިޓަރ ޕްލެޓްފޯމުގެ ޕޮލިސީއާއި ޚިލާފަށް، އޭނާ މަރާލުމަށް ރޭވުނު ރޭވުންތަކާއި ގުޅުންހުރި ޕޯސްޓުތަކެއް ޓުވިޓަރގައި އާންމު ކުރަމުންނެވެ.
44 ބިލިއަން ޑޮލަރަށް ޓުވިޓަރ ގަތުމަށްފަހު މަސްކުވަނީ ޓުވިޓަރގެ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކިކޮށް، އެ ޕްލެޓްފޯމުގެ މޮޑެރޭޝަން ޕޮލިސީތަކަށް ބޮޑެތި ބަދަލެއް ގެނެސް، ކުރިން ސަސްޕެންޑް ކޮށްފައިވާ ބައެއް އެކައުންޓުތައް އަލުން އެކްޓިވޭޓްވެސް ކޮށްފައެވެ. އޭގެތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނެއެވެ. އެހެންނަމަވެސް ޓްރަމްޕް އޭނާގެ ޓުވިޓަރ އެކައުން ބޭނުންކުރަން ފަށާފައެއް ނުވެއެވެ.