އެޗްޑީސީގެ ސްމާޓް ސިޓީ ޕްރޮޖެކްޓަށް ވާވޭގެ ފަންނީ އެހީ

އެޗްޑީސީގެ ސްމާޓް ސިޓީ ޕްރޮޖެކްޓަށް ވާވޭގެ ފަންނީ އެހީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗް.ޑީ.ސީގެ "ސްމާޓް ސިޓީ ޕްރޮޖެކްޓް"ގައި ބައިވެރިވެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު އެކުލަވާލައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް، ތަންފީޒު ކުރުމަށް ޗައިނާގެ މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭގެ ފަންނީ ތަޖުރިބާއާއެކު އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވާވޭއަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރ އާއި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ. ވާވޭއާއެކު ވެވުނު މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. އަދި ވާވޭ ލަންކާގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީ.އީ.އޯ ޓާއޯ ގުއާންޖޭއޯއެވެ.

ވާވޭއާއެކު މިވެވުނު ކޮލަބްރޭޓިވް ޕާޓްނަރޝިޕްގެ ސަބަބުން އެޗް.ޑީ.ސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވްއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންފްރާސްޓްރަކްޗަރ އާއި ސޮލިއުޝަންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގެ 12 އަހަރުގެ ތަޖުރިބާ ވާވޭއަށް ލިބިފައިވެއެވެ. އަދި އެކުންފުނިން "އިން މޯލްޑިވްސް، ފޯ މޯލްޑިވްސް" ގެ މި ތަޞައްވުރު ދަމަހައްޓަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، ފުރިހަމައަށް ގުޅިފައިވާ ވިސްނުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށާއި، ކޮންމެ ފަރުދަކަށް، ގެއަކަށް އަދި މުޖުތަމަޢަށް ޑިޖިޓަލައިޒޭޝަން ގެނައުމަށްކަން އެކުންފުނިން ފާހަގަކުރެއެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްމާޓް ސިޓީ، ސްމާޓް ޓުއަރިޒަމް އަދި ސްމާޓް އެޑިއުކޭޝަންއާ ބެހޭ ގޮތުން ދުނިޔޭގެ ތަޖުރިބާ ހިއްސާކުރުމަށް ވާވޭއިން މަސައްކަތް ކުރާނެ ކަމަށް ވާވޭގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *