ފަރެސްމާތޮޑާއަށް ރައީސް ދިއުމުން ކަޅު ޓީޝާޓުގައި މަސްވެރިން އިހުތިޖާޖްކޮށްފި

ފަރެސްމާތޮޑާއަށް ރައީސް ދިއުމުން ކަޅު ޓީޝާޓުގައި މަސްވެރިން އިހުތިޖާޖްކޮށްފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ.ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެންނެވުމުން މަސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މި އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން ތިބީ ކަޅު ޓީޝާޓުގައި އަގަމަތީ ޓޭޕް އަޅައިގެންނެވެ. ނަމަވެސް އެއްވި މަސްވެރިން ތިބީ އެމީހުން ހާމަކުރަން ބޭނުންވާ ޝުއޫރުތައް ފެންނަ ލިޔުންތަކާއިއެކުގައެވެ. މިގޮތުން "މަސްްވެރިންނަށް ވީ ވައުދު ކޮބާ" އަދި ބާނާ މަހަށް ހަމަ އަގު ނުލިބޭ" ފަދަ ޝިއާރުތަކާއިއެކު މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.

އެއްވި މީހުންގެ އިހުތިޖާޖް ރައީސް ވަނީ އެސަރަހައްދަށް ވަޑައިގެން ބައްލަވާވެސް ލައްވާފައެވެ. ނަމަވެސް މާ ގިނަ އިރެއް ރައީސް ވަނީ އެސަރަހައްދުން ވަޑައިގެންފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފަރެސްމާތޮޑާގައި ފާހަގަކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެރަށް ވަނީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން މަސްވެރިންގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި މަސްވެރިން ވަނީ ބަނދަރު ސަރަހައްދަށް ނިކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.

ފަރެސްމާތޮޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގެތެރެއިން، އެރަށުގެ މަސްވެރިންނާއި މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެއެވެ.

މީގެ އިތުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ފަރެސްމާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *