ދެވަނަ ދައުރެއް ދޭން ނުފެންނަނީ ލިބެންޖެހޭ ފައިސާ ނުހޯދައި ރައްޔިތުންގެ ޖީބު ހުސްކުރާތީ: ޝިޔާން

ދެވަނަ ދައުރެއް ދޭން ނުފެންނަނީ ލިބެންޖެހޭ ފައިސާ ނުހޯދައި ރައްޔިތުންގެ ޖީބު ހުސްކުރާތީ: ޝިޔާން

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2022 07:57
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަނީ ލިބެންޖެހޭ ފައިސާ ނުހޯދައި ރައްޔިތުންގެ ޖީބު ހުސްކުރަން ދިމާކުރާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާއިރު ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން މެމްބަރު ރޮޒޭނާ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. ރޮޒޭނާ ވިދާޅުވީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާއިރު ޓެކްސް ބޮޑު ކުރަން ނިންމި ނިންމުމަކީ އުދަނގޫ ނިންމުމަކަށް ވީނަމަވެސް އެމަނިކުފާނުގެ އެނިންމުމަކީ ރާއްޖޭގެ ކުރިމަގަށް ބަލައި ނިންމި ހަރުދަނާ ނިންމުމެއް ކަމަށެވެ.

ވެރިކަން ހޯދަންވެސް ގައުމު ބަނގުރޫޓްވާން ދޫކޮށް ނުލައި، އޮތް ގޮންޖެހުންތަކާއިއެކުގައިވެސް ނިންމެވި ނިންނެވުމަށް މިއަދު މުޅި ދުނިޔޭގެ ތައުރީފް ލިބެމުންދާކަމީ ރައީސް ޞާލިހުގެ ހަރުދަނާ ސިޔާސަތު ހާމަވާ ކަމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފައިވާ ރައިސަކަށް ކުރައްވަން އެންމެ އުނދަގޫ އެއްކަމަކަށް ވާނީ ޓެކްސް ބޮޑުކުރެއްވުން. ވެރިކަން ހޯދުމަށްވުރެން ގައުމު ބަނގުރޫޓުނުވެ އޮތުން މުހިއްމު ކަމަށް ދެކި ރައިސް އިބްރާހިމް މުހައްމަދު ޞާލިހު އެޅުއްވި ފިޔަވަޅުތަކަށް ދުނިޔޭގެ ތައުރީފް.

– ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި ޝިޔާން ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ދައުލަތަށް ލިބެންޖެހޭ އެތައް ފައިސާއެއް ހޯދުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންގެ ޖީބު ހުސްކުރަން ކަމަށެވެ. ރައްޔިތުންގެ ޖީބު ހުސްކުރަން ދިމާކޮށްގެން ދެވަނަ ދައުރެއް ދޭންޖެހޭ ހަމައެއްވެސް ސަބަބެއް ނެތްކަމަށް ޝިޔާން ވިދާޅުވިއެވެ.

އާއްމު ނިކަމެތި ރައްޔިތުންގެ ޖީބު ހުސްކޮށްލުމަށް ވުރެ އެކި ގޮތްގޮތުން ދައުލަތަށް ލިބެން ޖެހޭ ނުލިބި ހުރި ފައިސާ ހޯދާ ދައުލަތުގެ ހަރަދު ކުޑަކުރުންމާ މުހިއްމު ކަމަށް ރައްޔިތުން ގާބޫލު ކުރޭ، ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވަނީ މިހެންވީމަ.

– ޝިޔާން ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރީ ޓީ.ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8 އަށް ބޮޑުކުރުމަށެވެ. މިބަދަލާއެކު ޖީ.އެސް.ޓީން 970 މިލިއަން ރުފިޔާ އަދި ޓީ.ޖީ.އެސް.ޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބޭނެކަމަށް ލަފާކުރައްވާފައިވެއެވެ.

ޓެކްސްއަށް ގެނައި ބަދަލާއިއެކު މިހާރުވެސް ތަކެތީގެ އަގުތައް އުފުލި ރައްޔިތުންގެ ޝަކުވާތައް ދަނީ ބޮޑުވަމުންނެވެ. ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބޭފުޅުންގެ ނުރުހުންވެސް ވަނީ މިކަމަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.