އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް: ރައީސް

އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް: ރައީސް

Author
މުޙައްމަދު ޖިމީ
10 ޑިސެމްބަރ 2022 02:53
0

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށެވެ.

މަސްވެރިންގެ ދުވަހުގެގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަސް ކޮންމެ އަހަރަކުވެސް އަންނަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެގޮތުން މިދުވަސް މިއަހަރު ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ގދ.ފަރެސްމާތޮޑާގައެވެ. އެދުވަސް ފާހަގަކުރުމަށް ރައީސް މާދަމާ ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ސަރުކާރުން ވަޢުދުވިގޮތަށް މަހަށް ހަމައަގު ނުލިބުމެވެ. ޚައްޞަކޮށް ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ، ބާނާ މަސްކޮޅު ނުކިރުވި އުކާލަންޖެހުމުގެ ކަންބޮޑުވުން މަސްވެރިން އަންނަނީ ފާޅުކުރަމުންނެވެ.

ސަރުކާރުން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢު ދަނީ ހިންގަމުންނެވެ. އަދި އައިސްޕްލާންޓްތައް ހެދުމުގެ މަޝްރޫޢުވެސް ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.