ގަދަބާރު ބްރެޒިލް ކަޓުވާލައި ކްރޮއޭޝިއާ ސެމީ އަށް

ގަދަބާރު ބްރެޒިލް ކަޓުވާލައި ކްރޮއޭޝިއާ ސެމީ އަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ފަސް ތަރީގެ ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ. އެކަމަކު މި ދެ ހާފު ނިމުނުއިރު، 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީން ކްރޮއޭޝިއާ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ކްރޮއޭޝިއާއިން ބްރެޒިލްގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް އެ ޓީމަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވޭގޮތެއް ނުވިއެވެ. އެކަމަކު މި ހާފުގައި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަށާއި، ނޭމާއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ދެވަނަ ހާފުގައި ބްރެޒިލުން ފުލުފުލުގައި ކްރޮއޭޝިއާގެ ހާފަށް ބާރުބޮޑުކުރިއިރު، މި ހާފުގައިވެސް ބްރެޒިލްގެ ވިނީޝިއުސް އަށާއި، ނޭމާގެ އިތުރުން އެންޓޮނީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ލީޑު ބްރެޒިލުން ނެގީ އިތުރު ވަގުތުގައެވެ. މެޗުގެ 105 ވަނަ މިނެޓުގައި މި ލަނޑު ބްރެޒިލަށް ކާމިޔާބު ކޮށްދިނީ ނޭމާއެވެ. އެކަމަކު އިތުރު ވަގުތުގެ ދެވަނަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބްރޫނޯ ޕެޓްކޯވިޗްއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ބްރެޒިލުން ފުރަތަމަ ޕެނަލްޓީ ފޮނުވާލި ރޮޑްރީގޯގެ ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ ދިފާއުކޮށްފައެވެ. އަދި ބްރެޒިލްގެ މާކީނިއަސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މި ނަތީޖާއާއެކު، ކްރޮއޭޝިއާއިން ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ އާއި ނެދަލަންޑްސް ކުޅޭ ކުއާޓާގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު، ބްރެޒިލް މި ކެޓީ، އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އަތުންނެވެ. މިއީ ކްރޮއޭޝިއާ އިން ވޯލްޑް ކަޕެއްގައި ކުޅުނު ތިން މެޗުގެ ތެރެއިން ބްރެޒިލް ބަލިކުރި ފުރަަތަމަ މެޗެވެ. މީގެ ކުރިން މި ދެ ޓީމު ވޯލްޑް ކަޕްގައި ބައްދަލުކުރި ދެ ފަހަރު ވެސް ވާދަކުރީ ގްރޫޕް ސްޓޭޖުގައެވެ.

ކްރޮއޭޝިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ނޮކައުޓް ދެ މެޗުން ވެސް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ގަދަ 16 ބުރުގައި ޖަޕާން ބަލިކޮށް، މި މެޗުގައި ބްރެޒިލް އަތުން ވެސް ޕެނަލްޓީގައި މޮޅުވީއެވެ. މި ދެ ޕެނަލްޓީގައި ވެސް ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ވަނީ ތަފާތު ދައްކައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *